ޓެކްސީ ދަތުރަކަށް ކަނޑައަޅާފައި އޮންނަ 25ރ. ކުޑަވެގެން ޑްރައިވަރުން ކުރި އިހުތިޖާޖަށް ފަހު މިއަދު ބައެއް ޑްރައިވަރުން ދަތުރު ކުރަނީ ބޮޑު އަގުގައެވެ.

މިއަދު މާލެ ތެރޭގައި ވެސް ޓެކްސީ ގިނަކަން ފާހަގަ ކުރެވޭ އިރު، މާލެ ގަޑިބުރު ކައިރިން ހެންވޭރަށް ދާން އެރި ކާރުން ނެގީ، 30ރ. އެވެ. ޑްރައިވަރު ބުނީ، އެނޫން ގޮތަކަށް ދަތުރު ނުކުރެވޭނެ ކަމަށާއި ބޭނުމިއްޔާ އެރުމަށެވެ.

މާލެ ތެރޭގައި ދަތުރު ކުރުމަށް ސަރުކާރުން ކަނޑައަޅާފައި އޮންނަ އާންމު އަގަކީ، 25ރ. ނަމަވެސް، ތެލުގެ އަގަށް އައި ބަދަލާއެކު ޑްރައިވަރުން ވަނީ ދަތުރު ތަކުގެ އަގު ބޮޑު ކޮށްފައެވެ. ޑްރައިވަރުން ދަތުރުތަކުގެ އަގަށް ބަދަލު ގެނައީ، އެ ބަދަލު ގެންނަ ކަން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާ، އަގު ބޮޑުކޮށް ނުދީގެން އިހުތިޖާޖު ކުރުމަށް ފަހުއެވެ.

ޓެކްސީތަކުން އަގު ބޮޑު ކުރާކަން ހާމަ ކުރި ހިސާބުން، ޓްރާންސްޕޯޓާއި ފުލުހުން ބުނެފައި ވަނީ، އަގު ބޮޑުކޮށް ދުއްވާ ޓެކްސީ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަޅާނެ ފިޔަވަޅެއް ބުނެފައި ނުވާއިރު، މިއަދު އަގު ބޮޑުކޮށް ދުއްވާ އިރުވެސް އެޅި ފިޔަވަޅެއް ނެތެވެ.

ޓެކްސީތައް އަގުބޮޑުކޮށް ދުއްވާ މައްސަލާގައި ނޫސްވެރިން މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުންނާ ސުވާލު ކުރި ނަމަވެސް ޖަވާބެއްވެސް ދީފައެއް ނުވެއެވެ.

ތެލުގެ އަގަށް އައި ބަދަލާ އެކު ޑްރައިވަރުންނަށް ގެއްލުންވާ ކަމަށް ބުނެ، ޑްރައިވަރުން ވަނީ ސަރުކާރަށް ބައެއް ހުށަހެޅުންތައް ހުށަހަޅައި އެ ހުށަހެޅުންތައް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ސިޓީއަކުން ހިއްސާ ކޮށްފައެވެ. 16 ޓެކްސީ ސެންޓަރުގެ ވެރިންގެ ސޮޔާއެކު ފޮނުވި އެ ސިޓީގައި ސެންޓަރުތަކުން ހުށަހެޅި ހުށަހެޅުންތަކަކީ:

  • ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ވަގުތީ ގޮތުން މުރާޖައާކުރުން
  • ޓެކްސީތަކުގައި މީޓަރު ބޯޑު ހަރުކުރުމަށް ހަމަޖައްސައި ކަނޑައެޅުން
  • ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކާ މެދު މަޝްވަރާކޮށް އެ ކަންތައްތަކަށް ހައްލެއް ހޯދައިދިނުމަށް އެދި މިނިސްޓަރާ އެކު ބައްދަލުވުމެއް ބޭއްވުން
  • މިނިސްޓްރީއަށް އެ ސިޓީ ލިބޭ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭ ބައްދަލުވުން ބާއްވާނެ ތާރީހެއް އެންގުން، ނޫނީ މިނިސްޓްރީއަށް ގޮސް ބައްދަލުކުރުން

ޓެކްސީ ޑްރައިވަރުން 5 ވަރަކަށް ދުވަހުގެ އިހުތިޖާޖަށް މިނިސްޓްރީން ޖަވާބެއް ނުދިނުމުން، އަމިއްލައަށް އަގުބޮޑުކޮށް ދުއްވަން ފެށި އިރު، ބައެއް ޑްރައިވަރުން ބުނީ، ޓެކްސީ އަކީ އާންމު ހިދުމަތެއް ނޫން ކަމަށާއި، އަމިއްލަ ވިޔަފާރިއެއް ކަމުން، ސަރުކާރަށް އަގު ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އަދި ކުރި ތެލުގެ އަގަށް ބަދަލު އައިއިރު ތަކެތީގެ އަގު ހުރި ގޮތާއި، މިހާރު ތެލުގެ އަގަށް ބަދަލު އައި އިރު ތަކެތީގެ އަގު ހުރި ގޮތް އަޅާ ކިޔާނަމަ، ޓެކްސީ ކޮށްގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ކަމަށެވެ.

ޓެކްސީތަކުން ނަގަމުންދާ އާ އަގު
"ޓެކްސީ އަކީ ޕަބްލިކް ޓްރާންސްޕޯޓެއް ނޫން، ކިހިނެއް މިނިސްޓްރީއަށް އަގު ކަނޑައެޅެނީ، އެހެން ނޫނަސް އެންމެން ޓެކްސީގަ ދާން ޖެހޭތަ، ޓެކްސީ ބޮޑިއްޔާ އެހެން ގޮތްގޮތްވެސް ހުންނާނެ، ބަސްވެސް އެ އޮތީ، ފެރީވެސް އެއޮތީ"
ޑްރައިވަރެއް

ޑްރައިވަރުންގެ އެވާހަކަތަކާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަ ދެއްކި ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ތެލުގެ އަގަށް ބަދަލު އަޔަސް، ޓެކްސީ އަގު ބޮޑު ނުކުރެވޭ ކަމަށާއި، ޓެކްސީ ހުއްދަ ދޭ އިރު ހިދުމަތް ދެވޭނެ އަގުތަކަށް އެއްބަސްވެފައި ވާނެ ކަމަށެވެ. އައި ޕެޓްރޯލް ލީޓަރަކުން ދުވަނީ ކިހާ ދުރުމިނަކަށް ކަމާއި، ދުވާލަކު އެވްރެގްކޮށް ކުރާ ދަތުރުގެ އަދަދުތަކަށް މިނިސްޓްރީއަށް އެނގޭ ކަމަށެވެ.

"އާންމުން ކުރާ އެންމެ ބޮޑު ޝަކުވާ އަކީ ޓެކްސީ ނުލިބުން ދެއްތޯ، އެކަން އެންމެނަށްވެސް އެނގޭ. އެެހެންވީމައި އަގުބޮޑުކުރުމަކުން މައްސަލައަށް ހައްލެއް ނުލިބޭ"
ޓްރާންސްޕޯޓް އޮފިޝަލް

މީގެ ކުރިންވެސް ޕެޓްރޯލްގެ އަގު ބޮޑުކަމަށް ބުނެ އެތައް ފަހަރަކު ޓެކްސީގެ އަގުތައް ވަނީ މަތިކޮށްފައެވެ. އެ ގޮތުން ވޭތުވެދިޔަ 15 އަހަރަށް ބަލާއިރު ޓެކްސީ އަގު 10 ރުފިޔާއިން 15 އަށް އަދި 15 އިން 20 އަށް އަރާފައި ވެއެވެ. އެއަށް ފަހު 25 އަށް ދަތުރު ކުރަމުން އައިސް ހުޅުމާލެއާ މާލެ ގުޅުވާލާ ބްރިޖް އެޅި ފަހުން ޓެކްސީ ދަތުރުކަށް ނަގާ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ޓެކްސީގެ އަގުތަކަށް ވޭތުވެދިޔަ 15 އަހަރުތެރޭ ބަދަލުތަކެއް އައިސްފައި ވަނީ ޕެޓްރޯލް އަގު އުފުލުމާ ގުޅިގެންނެވެ. ނަމަވެސް ޕެޓްރޯލް އަގު ދަށް ވެގެން ދިޔަޔަސް ޓެކްސީ ދަތުރުގެ އަގުތައް ކުޑަ ކުރާތަން ފެނިފައެއް ނުވެއެވެ.