ރާއްޖެ އެތެރެކުރަން އުޅުނު 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގަންފައި ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސްކުރުުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ސާވިސްއިން ބުނީ މާޗް 1 ވަނަ ދުވަހު ބަލާ ފާސް ކުރި ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތީގެ ދެ ބާވަތެއް ފެނިފައިވާ ކަމަށާއި އެއީ 546 ގްރާމް އެމްޑީއެމްއޭ އާއި 585 ގްރާމް މެފެޑްރޯން ކަމަށެވެ.

މީގެ އިތުރުން މާޗް 6 ވަނަ ދުވަހު ބަލާ ފާސް ކުރި ޕާރްސަލެއްގެ ތެރެއިން 2.228 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.359 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު 12،953،500 އަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއި މައްސަލަތަކާ ގުޅުން ހުރި ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައެވެ.

މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ކަސްޓަމްސްގައި ވަނީ މަސްތުވާތެކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ނަގާފައެވެ. އަދި މި ޓީމް ދަނީ މާލެއާއި ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރި ވަމުންނެވެ.