ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާއި އެ ގައުމުގެ އަސްކަރިއްޔާއަށް އަނިޔާވެރި ވުމަށް ހިތްވަރު ދެނިވި ޕޯސްޓްތައް ކުރުމަށް، ފޭސްބުކްއާއި އިންސްޓަގްރާމް އެކައުންޓްތައް ބޭނުން ކުރާ ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށް، މި ދެ ޕްލެޓްފޯމް ކޮންޓްރޯލް ކުރަމުން އަންނަ މެޓާ ކުންފުނިން ހާމަކޮށްފިއެވެ.

އެގޮތުން، ރަޝިއާގެ ބާރުތައް މަރަން ހިތްވަރު ދެނިވި ޕޯސްޓްތައް ޝާއިއު ކުރުމަށް މިހާރުވެސް ފުރުސަތު ދީފައި ވާނެ ކަން މެޓާ އިން ފާހަގަ ކުރެއެވެ. މިފަދަ، ނަފްރަތު އުފައްދަނިވި ޕޯސްޓްތަކަކީ މީގެ ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މަނާ ކޮށް، އަދި އެކަމަށް ހުރަސްތަކެއް ކުރިމަތި ކޮށްފައި ވާ ޕޯސްޓްތަކެކެވެ.

ދޫ ތަކެއް ދިން ނަމަވެސް، ރަޝިއާގެ އާންމު ރައްޔިތުންނާ ދެކޮޅަށް މިފަދަ ޕޯސްޓްތައް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް މެޓާ ކުންފުނިން ވަނީ ބުނެފައެވެ.

ރަޝިއާއިން ވަނީ މިކަމަށް ރައްދު ދީފައެވެ. އެމެރިކާއަށް ނިސްބަތް ވާ ސޯޝަލް މީޑިއާ ކުންފުނީގެ ހައްދު ފަހަނަ އަޅާފައި ވާ ހަރަކާތްތައް ހުއްޓުވުމަށް ރަޝިއާއިން ވަނީ ގޮވާލާފައެވެ.

މޭޓާގެ ތަރުޖަމާނަކާ ހަވާލާދީ ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޔޫކްރައިންގައި ހިންގަމުންދާ ހަމަނުޖުންތަކާ ގުޅިގެން، އެކަމުގެ އަސަރު ކުރި މީހުންނަށް، ޝުއޫރު ފާޅު ކުރުމުގައި ދޫތަކެއް ދީފައި ވާނެ ކަމަށެވެ.

އިސްލާހް ގެނުވުނު އުސޫލުގެ ދަށުން، ރަޝިއާ، ޔޫކްރައިން އަދި ޕޯލަންޑްގައި ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކަށް، ރަޝިއާގެ ރައީސް ޕޫޓިންއާއި ބެލަރޫސްގެ ރައީސް އަވާހަރަކޮށްލުމަށް ގޮވާލާ ޕޯސްޓްތައް ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް އިރު، ހުސްވި ހަފުތާގައި ރަޝިއާއިން ވަނީ އެ ގައުމުގައި ފޭސްބުކްގެ އިތުރުން ފޭސްބުކްއާ ގުޅިފައި ވާ އިތުރު ޕްލެޓްފޯމްތައް ބްލޮކް ކުރާކަން ހާމަކޮށްފައެވެ. ސަބަބެއް ކަމުގައި ބުނީ، އޮކްޓޯބަރު 2020 އިން ފަށައިގެން ރަޝިއާގެ މީޑިއާއާ ދެކޮޅަށް ފޭސްބުކްއިން ގެންގުޅޭ ތަފާތު ކުރުންތަކެވެ.