ޕޮންޒީ ފަންޑު ހިންގާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން" ގެ އެކައުންޓް ރޭ ފްރީޒް ކޮށްފިއެވެ.
ޕޮންޒީ ސްކީމަކީ ކުރު މުއްދަތެއްގައި ބޮޑު އަދަދަކަށް ފައިދާ ލިބޭނެ ކަމަށް ބުނެ މީހުންގެ އަތުން އިންވެސްޓު ކުރުމުގެ ނަމުގައި ފައިސާ ހޯދުމަށް ކުރާ ކަމެކެވެ. މިފަދަ ސްކީމްތަކުގައި ފައިސާ ދެނީ އަލަށް ބައިވެރިވާ މީހުން ދޭ ފައިސާއިންނެވެ.
އެމްއެމްއޭއިން ބުނީ އެކަން ރާއްޖޭގައި ކުރަމުންދާ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މިހާރު ބޭންކުތަކަށް އަންގާފައިވާ ކަމަށާއި އެ ކުންފުނިން މީހުންގެ އަތުން ފައިސާ ނަގަމުން ދަނީ ފޭސްބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށް އެކަން އިޝްތިހާރު ކޮށްގެން ކަމަށެވެ.
އެކައުންޓް ފްރީޒް ކުރިކަން ހާމަކޮށް އަލްހާން ކުންފުނި، ކިންގްސް ފޮރެކްސްގެ ޓެލެގްރާމް ގްރޫޕުގައި ނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރި ވަކި ސަބަބެއް ބީއެމްއެލުން އަންގައިފައި ނުވާ ކަމަށާއި އެކައުންޓް ފްރީޒް ކުރި ނަމަވެސް މިއަދާ ހަމައަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިފައިވާ ކަމަށެވެ. އެ ޓެލެގްރާމް ގްރޫޕުގައި މިހާރުވެސް 8000 އެއްހާ މެންބަރުން އެބަތިއްބެއެވެ. އޭގެ ތެރެއިން ބައެއް މީހުން ޓްރޭޑް ކޮށް ލާރި ލިބިފައިވާ ކަމަށް ބުނެފައިވެސް ވެއެވެ.
އެ ކުންފުނިން ވަނީ ބީއެމްއެލުން ކުއްލިއަކަށް އެޅި ފިޔަވަޅާ ގުޅިގެން ލިބޭ ގެއްލުމުގެ ސަބަބުން ބީއެމްއެލް އަށް ދައުވާކުރާނެ ކަމަށް ވެސް ބުނެފައެވެ.
ކިންގްސް ފޮރެކްސްއިން ބުނީ އެމްއެމްއޭއިން ފްރޯޑުގެ ތުހުމަތު ކުރަނީ އެ ކުންފުންޏަށް ކަމަށާއި ނުސީދާކޮށް އެ ކުންފުންޏާ ގުޅޭގޮތުން ނެރުނު ބަޔާނަކީ ކުންފުނީގެ އަގުވައްޓާލައި އިތުބާރު ގެއްލޭ ގޮތަށް ނެރުު ބަޔާނެއް ކަމަށެވެ.
އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވެސް ވަނީ ފްރޯޑުތައް ހިންގަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
ހުރިހާ އިދާރާތަކުން ގުޅިގެން މިހާފަަސޭހަކޮށް މިކަން ހުއްޓުވޭއިރު "ޖަލުގައި ތިބޭ މީހުން" މީހުންނަށް ގުޅައިގެން ފޭރޭ އެކައުންޓް ތަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭ.