ޓެކްސީ ދުއްވާ ޑްރައިވަރުންގެ ހައްގުތަކުގެ ވާހަކަތަކާއި ޝަކުވާތައް ހިއްސާ ކުރުމުން އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ ކަމަށް ޑްރަވަރުން ބުނެފިއެވެ.

މިއަދު ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އެއްވެ ކުރަމުން ދާ އިހުތިޖާޖުގައި ވަނީ އެ މީހުންގެ ޝުއޫރުތަކާއި އެމީހުންގެ ޝަކުވާތައް ބަންޑުން ކޮށްލާފައެވެ. އެ ގޮތުން އެންމެ ފަހުން ޓެކްސީ ޑްރައިވަރުންނާއި މިނިސްޓަރު ނަހުލާ ބައްދަލު ކުރެއްވުމުން މިނިސްޓަރު އަރިހުގައި އެ ޝަކުވާތައް ހިއްސާކުރި ކަމަށް ޑްރައިވަރަކު ވަނީ ބުނެފައެވެ.

އޭނާ ބުނީ، ޓެކްސީ ދުއްވާ ޑްރަައިވަރަކަށް ވެއްޖެއްޔާ ބައެއް ހައްގުތައް އެމީހުންނަށް ލިބުމުގައި ހުރަސްތަކެއް އެބަ ހުރި ކަމަށެވެ. އެ ގޮތުން ޑްރައިވަރުންނަށް ބޭންކުތަކުން ލޯނު ލިބުމުގައި ދަތިތަކެއް ހުރި ކަމަށާއި އެސްޓީއޯ ފަދަ ތަންތަނުން ސްކީމްގެ ދަށުން އިންސްޓޯލްމަންޓަށް ދޫކުރާ އެއްޗެހި ވެސް ޑްރައިވަރުންނަށް ނުނެގޭ ކަމަށް އޭނާ ބުންޏެވެ. މި ވަހާކަތައް ހިއްސާ ކުރުމުން އެއީ މީގެ ކުރިން މިނިސްޓަރަށް ލިބިވަޑައިގެންފައިވާ ޝަކުވާ އެއް ނޫން ކަމަށާއި އެ ޝަކުވާ ކުރިން ލިބުނު ނަމަ މިހާރު އޮންނާނީ އެކަމަށް ހައްްލެއް ހޯއްދަވާފައި ކަމަށް ނަހުލާ ވިދާޅުވި ކަމަށް އެ ޑްރައިވަރު ބުންޏެވެ. އަދި އެންމެ އަވަހަށް ބާއްވާ ކެބިނެޓް ބައްދަލުވުމުގައި ޑްރަވަރުންގެ ޝަކުވާ ހިއްސާ ކުރައްވާނެ ކަމަށް ވެސް ނަހުލާ ވިދާޅުވި ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން ޑްރައިވަރުންގެ ހުރި ޝަކުވާތަކުގެ ތެރޭގައި ޓެކްސީ ބޯޑު ޖަހައިގެން ޓެކްސީ ކުރާ ކާރުތަކާއި ޕްރިވެޓް ބޯޑުގައި ޓެކްސީ ކުރާ ކާރުތަކަށް ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް އެ ޑްރައިވަރުން ބުނެއެވެ. އެ ގޮތުން ކަޅު ބިއްލޫރި ޖެހުމުގައި ތާފަތުތަކެއް ހުރިކަން އެ ޑްރައިވަރުން ބުނެއެވެ.

ކަޅު ބިއްލޫރި ޖަހަން ޓެކްސީތަކަށް ހުއްދަ ނުދެނީ އެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ ސަލާމަތައްޓަކައި ކަމަށް ޓްރާންސްޕޯޓުން ބުނެފައިވާ ކަން ފާހަގަ ކޮށް ޕްރައިވެޓް ކާރުތަކުގައި ކަޅު ބިއްލޫރިޖަހައިގެން ޓެކްސީ ކުރުން މައްސަލައަކަށް ނުވުނަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ޑްރައިވަރުން ފާހަގަ ކުރިއެވެ.

ޓެކްސީ ޑްރައިވަރުން އިހްތިޖާޖް ކުރަމުން އަންނަތާ މިހާރު 5 ވަރަކަށް ދުވަސްވެފައި ވާއިރު، ޑްރައިވަރުން އިހުތިޖާޖު ކުރަން ނިންމީ ޓެކްސީގެ އަގު ކުޑަ ކަމުން އަގަށް ބަދަލު ގެނައުމަށް ގޮވާލަމުންނެވެ. ޓެކްސީ ޑްރައިވަރުން އަގު މަތިކުރާނެ ކަމުގެ އިންޒާރު ދިނުމުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައިވާ އަގަށް ވުރެ އަގުތައް މަތިކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މިއަދުގެ އިހުތިޖާޖުގައި އަގުތައް މަތިކުރަން އެމީހުން ހުށަހަޅާ ސަބަބާ މެދުވެސް ވަނީ ވާހަކަ ދައްކާފައެވެ. އެމީހުން ބުނީ ޕެޓްރޯލްގެ އަގަށް އައި ބަދަލާ، ބާޒާރުގެ އަގުތަކަށް އައި ބަދަލާއެކު ހަރަދުތަެް ދެކޮޅު ނުޖެހޭ ކަމަށެވެ.