ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހާއި މިނިސްޓްރީ އޮފް ޑިފެންސް ގުޅިގެން ބޭއްވި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެންއެސްއޭ ލެވަލްގެ ފަސްވަނަ ބައްދަލުވުން ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުން ބާއްވާފައި ވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައެވެ.

މި ކޮންކްލޭވްގެ ފައުންޑިން މެންބަރުންގެ ގޮތުގައި ހިމެނޭ އިންޑިޔާ އާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ވަފްދުތަކުގެ އިތުރުން ކޮންކްލޭވާ އަލަށް ގުޅުނު މޮރިޝަސް އިން ވަނީ ބައްދަލުވުން ތަކުގައި ބައިވެރި ވެފައެވެ. މީގެ އިތުރުން ބަންގްލަދޭޝާއި ސީޝެލްސް އިން ވަނީ އޮބްޒާވަރުންގެ ގޮތުގައި މި ބައްދަލުވުންތަކުގައި ބައިވެރި ވެފައެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެންއެސްއޭ ލެވެލްގެ ފަސްވަނަ ބައްދަލުވުމުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް ނިންމުމުގެ ގޮތުން ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ނެރެފައި ވެއެވެ.

މި ބައްދަަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މިސަރަހައްދުގެ އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަން ދޭކަން ފާހަގަ ކުރައްވާފައެވެ. އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ، މިސަރަހައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށް މާރިއާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރި، އިންސާނީ ވަގުފާރި، ކަނޑުފޭރުން، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ، މާރިއާ ވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށް ގޮސްފައިވާ ކަމުގެ އެއްވެސް ރިކޯޑެއް ނެތްކަން ފާހަގަ ކުރައްވާފައެވެ.