ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިން އަތުލައިގަތް އީރާނުގެ ބޯޓަކުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާ ކުރި ބިދޭސީންގެ ބައި އަނބުރާ ގެންގޮސްފިއެވެ.

އޮކްޓޫބަރު، 2019 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިން އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯ ޑްރަގް ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ހިތަދޫ ކޯޒީކޯނާ އަލީ އަންވަރު މުހައްމަދާއި ބަންގްލަދޭޝާއި އީރާންގެ ބަޔަކަށެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ދައުވާ ކުރ ބިދޭސީންގެ ބައި އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެ ގޮތަށް ކަން ކުރީ ތަހުގީގުގައި ހުރި ގޯސްތަކުގެ ސަބަބުން ކަމަށެވެ. އަދި އެމީހުންގެ މައްސަލަ އަންބުރާ ގެންގޮސްފައި ވަނީ މީގެ ކުރިން މި މައްސަލާގައި ދައުވާ ކުރި ދިވެހި މީހާ، އަންވަރުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި އޮތުމުން ކަމަށް ވެސް ޕީޖީން ބުނެއެވެ.

އަންވަރަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އެއީ މަސްތުވާތަކެތި ފެނުނު ބޯޓު ދިވެހި ސިފައިން ހިފެހެއްޓުމުގައި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް އަމަލުކޮށްފައި، ބޯޓު ރާއްޖެއަށް ވައްދާފައި ވާތީއެވެ.

އީރާނުގެ ބޯޓުތަކުގައި މީގެކުރިން ވެސް ބޮޑެތި އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވެ އެވެ. ކުރިން އީރާނު ބޯޓެއްގައި 50 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއް ވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ބޭރުކޮށްލީ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ދިވެހި ސިފައިން އެ ބޯޓު ހިފަހައްޓާފައިވާތީ އެވެ.