ފުވައްމުލަކުގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއި، އެ ސިޓީއަށް މިހާރު ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން، އެ ސިޓީގެ ކައުންސިލާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކުގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، އެ ބައްދަލުވުމުގައި ފުވައްމުލަކުގެ ކައުންސިލަރުން ވަނީ، އެ ސިޓީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ މައުލޫމާތާއި، ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ފުވައްމުލަކުގެ ބަނދަރާއި މަގުތައް ހެދުމުގެ މަޝްރޫއުތަކާއި، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމާއި، އެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާވާފައިވާ މަޝްރޫއު ހިމެނެއެވެ.

އެގޮތުން ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއާ ގުޅިގެން ދެއްކެވި ވާހަކަތަކުގައި ކައުންސިލަރުން ވަނީ، އެ ސިޓީގެ އިތުރު މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަމަށް ރައީސް އަރިހު ދަންނަވާފައެވެ. އެއާއެކު، ކައުންސިލަރުން ފާހަގަކުރެއްވި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ރައީސާ އެކު ކައުންސިލަރުން މަޝްވަރާކުރެއްވި ބައެއް ކަންކަން:

  • ފުވައްމުލަކަށް މިހާރު ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުން
  • އެކި ދާއިރާތަކުން ފަންނުވެރިން ބިނާކުރުމަށްޓަކައި އެ ސިޓީގައި ވޮކޭޝަނަލް ސެންޓަރެއް ގާއިމްކުރުން
  • ކުށްކުރުން މަދުކޮށް ފުވައްމުލަކު އަމާން ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރުން
  • ކައުންސިލްގެ މާލީ ބާރުވެރިކަން އިތުރުކޮށް، އާމްދަނީ އިތުރުކުރުމަށް މަގުފަހިކުރުން
  • ފަތުރުވެރިކަން ފުޅާކުރުމަށް ކުރިމަތިވާ ދަތިތައް ހައްލުކުރުން

ފުވައްމުލަކުގެ ކައުންސިލާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، އެ ސިޓީގެ ކައުންސިލުން ފާހަގަކުރި މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.