މަޝްހޫރު ސުޕާހީރޯ ފިލްމް "ބްލެކް ޕެންތާ"ގެ ޑައިރެކްޓަރު ރާޔަން ކޫގްލާ، އޭނާގެ އަމިއްލަ ބޭންކު އެކައުންޓުން ނަގަން އުޅެނިކޮށް، ވަގެއް ކަމަށް ހިތާ ހައްޔާރު ކުރެވިފައި ވާ ކަން، އެމެރިކާ ފުލުހުންގެ ރިޕޯޓެއް ބުނެފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ކޫގްލާ ގެންދެވުނީ އޭނާގެ އެކައުންޓުން 12000 ޑޮލަރު ނަގަން އުޅުމުގެ ތެރޭގައެވެ. އެޓްލާންޓާގެ ބޭންކަކުން ފައިސާ ނަގަން އުޅުމުގެ ތެރޭގައި މިހާދިސާ ހިނގާފައި ވަނީ ޖެނުއަރީ މަހު ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ކޫގްލާ ގެންދިޔައިރު އޭނާ ހުރީ ކޮވިޑް-19 އިން ދިފާއުވުމަށް އަޅާ މާސްކުގެ އިތުރުން އަވިއައިނަކާ ތޮތްޕެއްވެސް އަޅައިގެންނެވެ. އަދި އޭނާއަށް ހިދުމަތް ދޭން އިން މުވައްޒަފުގެ އަތަށް ނޯޓެއް ދިނުމަށްފަހު އެކައުންޓުން 12000 ޑޮލަރު ނަގަން ބޭނުން ވާ ކަން ހާމަ ކުރިއެވެ. އަދި އެހެން ތަނެއްގައި ފައިސާ ގުނާ ދިނުމަށާ، ވީހާވެސް ސިއްރިއްޔާތުގައި އެ މުއާމަލާތް ކުރިއަށް ގެންގޮސްދިނުމަށްވެސް މުވައްޒަފުގެ ކިބައިން އެދުނެވެ.
އެހާ ހިސާބުން، ވައްކަމެއް ހިނގަން އުޅޭ ކަމަށް މުވައްޒަފަށް ޝައްކުވެ، އިސްވެރިޔާގެ ސަމާލުކަމަށް އެކަން ގެނައީއެވެ.
ޓީއެމްޒީއަށް ދިން އިންޓަވިއުއަކާ ހަވާލާދީ ބީބީސީއިން ރިޕޯޓް ކުރި ގޮތުގައި، މިއީ ހިނގައިގެން ވާނެ ހާދިސާއެއް ނޫން ކަމަށް ކޫގްލާ ވަނީ ބުނެފައެވެ. އެ މުވައްޒަފަކީ މާބަނޑު މީހެއް ކަމަށާ، އޭނާގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ބިރުގަތްފައި ހުރި ކަމަށް ކޫގްލާ ބުނެފައިވެއެވެ.
ސީންއަށް ފުލުހުން ގޮސް ކޫގްލާގެ އަތުގައި ބިޑިވެސް އެޅުވިކަމަށްވެއެވެ. އަދި އޭނާއަކީ ކާކުކަން ސާބިތުކޮށްދިނުމާއެކު އޭނާ ދޫކޮށްލިއެވެ.
ކޫގްލާ މިހާރު ދަނީ "ބްލެކް ޕެންތާ"ގެ ސީކުއަލްއެއްގެ މަސައްކަތް ކުރަމުންނެވެ.