ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކުރުމަށްޓަކައި އެކުލަވާލާފައިވާ ރިސާޗް ގްރޫޕަށް ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދިރާސާއަކީ ތައުލީމީ ދާއިރާއަށް ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތިބޭ މުދައްރިސުންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް އޮޅުންފިލުވައި، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް ކުރެވޭ ވަރަށް މުހިންމު ދިރާސާއެއް ކަމަށް ވިދާޅުވިއެވެ.

އަދި މި ދިރާސާގެ އަލީގައި ދެނެގަނެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، ހައްލުކުރުމަށް ހުށަހަޅާފައިވާ ކަންކަން ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ތަންފީޒު ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށްޓަކައި އެކުލަވާލައްވާފައި ވާ ރިސާޗް ގްރޫޕުން ވަނީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާހަގަކުރި މައިގަނޑު ކަންތައްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން މަޝްވަރާ ކުރި ބައެއް ކަންތައްތަކުގެ ތެރޭގައި ޓީޗަރުންގެ މުސާރަ، ވޯކްލޯޑާއި ވޯކް-ލައިފް ބެލެންސް، މުދައްރިސުންގެ ހައްގުތައް، މުދައްރިސުންނަށް ކުރާ ގަދަރާއި އިހްތިރާމް، މަސައްކަތް ކުރާ ތަނާއި ވަސީލަތްތައް، ތަމްރީނާއި ތަރައްގީ އަދި ތައުލީމީ ދާއިރާއަށް ކުރާ އަސަރު ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމާއި މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީއާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރަން ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާން ކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައެވެ.

އެކަމަށްޓަކައި އެކުލަވައިލެވުނު 6 މެންބަރުންގެ ފަންނީ ގުރޫޕަކާ 3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހަވާލުކުރެއްވީ އޮކްޓޫބަރު 31، 2021 ގައެވެ.