ނަފުސާނީ ބަލިތަކާ ބެހޭ ގޮތުން ނޫސްވެރިޔާ ސާއިލް އަހުމަދު އަލީ ލިއެ، މިއަދު ނެރުނު "އެދުވަސް ގެނެވޭނެ" ފޮތް އުރީދޫގެ މޫލީ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ލިބޭނެ ކަމަށް، އުރީދޫ އިން މިއަދު ބުނެފިއެވެ.

ޗައިލްޑްހުޑް އެންޒައިޓީ، އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ)، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސާއިލް މި ފޮތް ލިޔުނީ އޭގެ ވަރަށް ގިނަ މައްސަލަތައް ތަހައްމަލްކޮށް އޭގެ ތަޖުރިބާގެ ތެރެއިންނެވެ.

މި ފޮތް ނެރެދެއްވީ ނެޝެނަލް ލައިބްރަރީގައި އޮތް ހަފުލާއެއްގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ކުރީގެ މިނިސްޓަރު އަނީސާ އަހުމަދެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމުގެ ތަޖުރިބާ އާއި މައުލޫމާތުތައް އެކުލަވައިލައިގެން ލިޔެވިފައިވާ މިފަދަ ފޮތެއް މޫލީ މެދުވެރިކޮށް މުޅި ރާއްޖޭގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭ ގޮތް ހެދުމަކީ އުފަލެއް ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން ބޭނުންވާ މުހިންމު މައުލޫއެއް ކަމަށާއި ސާއިލްގެ ދަތުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މި ފޮތާ އެކު މިފަދަ ގޮންޖެހުންތަކާ ކުރިމަތިލައި އެހެން ފަރާތްތަކަށް އުންމީދާއި ހިތްވަރު އާލާވެ މި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރައްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އުރީދޫއިން ބުނީ މި ފޮތް ކިޔަން ޝައުގުވެރިވާ ފަރާތްތަކަށް މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަކޮށްދޭނެ ކަމަށެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ކޮންމެ ވަގުތަކު، ކޮންމެ ތާކު ހުރެގެން ވެސް ފަސޭހަކަމާ އެކު ވިޔަފާރިކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޫލީ މެދުވެރިކޮށް 'އެދުވަސް ގެނެވޭނެ' ގަތުމަށް މި ލިންކް އިން އޯޑަރުކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.