ރަމަޟާން މަހު ކައިވެނި ކޮށްދޭ ގަޑިތައް ފެމިލީ ކޯޓުން އާންމުކޮށްފިއެވެ.

ފެމިލީ ކޯޓުން ބުނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.

ފެމިލީ ކޯޓުން ބުނީ އެ ދުވަސްތަކުގައި ރަސްމީ ގަޑީގައި ކައިވެނި ކޮށްދޭނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. އަދި ނުރަސްމީ ގަޑިތަކުގައި ރޭގަނޑު 9:30 އިން ރޭގަނޑު 11 ޖެހުމާ ހަމައަށް އެ ކޯޓުން ކައިވެނި ކޮށްދޭނެއެވެ. މީގެ އިތުރުން ކޯޓުން ބޭރުގައި ވެސް ކައިވެނި ކޮށްދޭން ހަމަޖެހިފައި ވަނީ ރޭގަނޑު 9:30 އިން ރޭގަނޑު 11:00 އަށެވެ.

މިހާރު ނުރަސްމީ ގަޑިތަކުގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ. ކޯޓުން ބޭރުގައި ކައިވެނި ކޮށްދެނީ ވެސް ހަމަ އެ ގަޑިތަކުގައެވެ.

ކޮވިޑާ ގުޅިގެން ފެމެލީ ކޯޓުން ވަނީ ރަސްމީ ގަޑީގައި ކައިވެނި ކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފައެވެ. މިހާރު ރަސްމީ ގަޑީގައި ކައިވެނި ކޮށްދެނީ ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރުފަހު 1:00 އިން 1:30 އަށެވެ.

މި އަހަރު އަދި މިދިޔަ އަހަރު ރީތި ތާރީހުތަކުގައި ގިނަ ކައިވެނިތަކެއް ފެމިލީ ކޯޓުން ކޮށްދީފައި ވާއިރު މި އަހަރުގެ އެންމެ ރީތި ތާރީހު ކަމަށްވާ، 22/2/22 ގައި އެ ކޯޓުން ވަނީ 85 ކައިވެންޏެއް ކޮށްދީފައެވެ. އަދި މިދިޔަ މަހުގެ ދެވަނަ ދުވަހުވެސް 39 ކައިވެންޏެއް ކޮށްދީފައި ވާއިރު، އޭގެ ތެރެއިން 28 ކައިވެންޏެއް ކޮށްދީފައިވަނީ ކޯޓުގައެވެ. އަދި ބާކީ ކައިވެނިތައް ކޯޓުން ބޭރުގައެވެ.

އޭގެ ކުރިން އެންމެ ގިނަ ކައިވެނި ކޮށްދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ގައެވެ. އެ ދުވަހު 57 ކައިވެންޏެއް ކޮށްދީފައި ވާއިރު، އޭގެ ތެރެއިން 28 ކައިވެނި ކޮށްދީފައި ވަނީ ކޯޓުގައެވެ. އަދި ބާކީ ކައިވެނިތައް ކޮށްދީފައި ވަނީ ކޯޓުން ބޭރުގައެވެ.