ކުއްލި މައްސަލަތައް ނުވަތަ ހާދިސާތަކާ ގުޅިގެން ލިބޭ ނަފްސާނީ ގެއްލުމުން އަރައިގަތުމަށް 7 ދުވަހުގެ ޗުއްޓީއެއް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ.

އެމްޕީއެލްއިން މިކަން ހާމަކޮށްފައިވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑުގައި ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ.

މި ޗުއްޓީ ދިނުމަށް ނިންމާފައި ވަނީ ހުރިހާ އިނާޔަތްތައްވެސް ލިބޭގޮތަށް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ މި ޗުއްޓީ ލިބޭ ކަންކަމުގެ ތެރޭގައި މާބަނޑު މުވައްޒަފެއް ބައިގެން ދިއުން، މުވައްޒަފެއްގެ މަންމަ ނުވަތަ އާއިލާގެ މީހަކު ނިޔާވުން ނުވަތަ އަލިފާނުގެ ހާދިސާއަކާ ގުޅިގެން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލުވުން ފަދަ ކަންކަން ހިމެނެއެވެ.

މިދަ ހާލަތެއްގައި އެ މުވައްޒަފުންނަށް މި ޗުއްޓީ ދޭނީ ޑޮކްޓަރެއްގެ ލިޔުމަކާއެކު ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ ވިދާޅުވީ މި ޗުއްޓީއަކީ ޖިންސީ ތަފާތުކުރުމެއް ނެތި ދިނުމަށް ނިންމާފައިވާ ޗުއްޓީއެއް ކަމަށެވެ.