އެމްޑީޕީގެ އެތެރޭގެ އިންތިހާބު ލަސްކުރަން ހިފުމަކީ އެހާތަނަށް އިންތިހާބުން ބަލިވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސް ކުރުމަށް އެ ފާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ދެވަަނަ ކެންޑިޑޭޓް ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔަޒު އިސްމާއީލް ހުށަހެޅުއްވި މައްސަލަ ވޯޓަށް އަހައިގެން ފައްޔާޒާ އެއްކޮޅަށް އެ ނިންމުން ފާސްވުމުންނެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބު ބާއްވަން އިއުލާންކޮށް އިންތިހާބު ބާއްވާނެ ތާރީހެއް ފާސްކުރުމަށް ބޭއްވި ޖަލްސާގައި އެންމެ ފުރަތަމަ ފާސްވެ ނިމިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އެ އިންތިހާބު ބާއްވާ ގޮތަށެވެ. އިންތިހާބު ބާއްވަން އިއުލާންކޮށް މަގާމުތަކަށް ކެންޑިޑޭޓުން ކުރިމަތިލައި އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފޯރި ގަދަވެފައި ވަނިކޮށް އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ވާހަކަތައް ދައްކަން ފެށުނެވެ. އެ ގޮތުން އިންތިހާބު ބާއްވާ ދުވަސް ރޯދަ މަހާ ދިމާވާތީ އެކަމާ އެއްބަޔަކު ދެކޮޅު ހެދި ނަމަވެސް އިންތިހާބު ފަސް ކުރުމާ އިންތިގެ ކެމްޕެއިން ޓީމުން ދެކޮޅު ހަދާ ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލަ ގައުމީ މަޖިލީހަށް ހުށަހަޅާ ރޭ ބޭއްވި ޖަލްސާގައި އެ ހުށަހެޅުމަށް ބަހުސަށް ހުޅުވާލުމުން އެމްޑީޕީގެ އެތައް މެންބަރުންތަކެއް ވަނީ ހިޔާލު ހުށަހަޅާ ބަހުސް ކޮށްފައެވެ. އެއްބަޔަަކު އިންތިހާބު ރޯދައިގެ ފަހަށް ހަމަޖެއްސުމަށް ބުނަމުން ދިޔަ އިރު އަނެއް ބަޔަކު ދިޔައީ ރޯދައިގެ ކުރިއަށް އިންތިހާބު ބާއްވަން ގޮވާލާފައެވެ. އަދި މަދު މެންބަރުންތަކެއް ވަނީ އިންތިހާބު ރޯދަ މަހު ބޭއްވުމުގެ އެއްވެސް މައްސަލައެއް ނެތް ކަން ފާހަގަކޮށް އެ ދުވަސް ކުރިން ފާސްކުރި އިރު، އެއީ ރޯދަ މަސް ނޭނގި ވޯޓު ދިނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ފަހުމީ ވަނީ، އިންތިހާބު ބާއްވަން އޭނާ އެދިވަޑައިގަންނަވާ ތާރީހަކީ އޭޕްރިލް 16 ވަނަ ދުވަސް ކަމަށާއި އެއަށް ވުރެ އިންތިހާބު ފަސް ކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާއި ނައިބު ރައީސް ހޮވަން މި އިންތިހާބުގައި ނިންމާފައިވާތީ އެ އިންތިހާބުގައި އެމްޑީޕީގެ ހުރިހާ އަންހެން ބޭފުޅުންނަށް ވޯޓުލެވޭނެ ގޮތަކަށް ކަންކަން ހަމަޖައްސަން ބޭނުންވެވަޑައިގަންނަވާ ކަމަށް އިންތި ވިދާޅުވެފައި ވެއެވެ.
ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމާލާފައި ވަނީ އިންތިހާބު ފަސްކުރުމަށް ހުށަހެޅި ހުށަހެޅުމަށް ވޯޓަށް އަހައި ނަތީޖާ އިއުލާން ކުރުމަށް ފަހުއެވެ. އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެމްޑީޕީގެ 115 މެންބަރުން ބައިވެރިވެފައިވާ އިރު އޭގެތެރެއިން 100 މެންބަރުންގެ ވޯޓާއެކު އެ އިންތިހާބު ބާއްވާ ތާރީހް ވަނީ މެއި މަހުގެ 14 ވަނަ ދުވަހަށް ފަސް ކޮށްފައެވެ.