އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެސްޓީއޯއިން ބުނީ އެ މަގާމަށް އެދި ފޯމް ހުށަހަޅާނީ މި އީމެއިލް އެޑްރެހަށް ކަމަށެވެ. މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4 ގެ ކުރިން ފޯމު ހުށަހެޅުމަށް ޖެހޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެ މަގާމަށް އެދި އެސްޓީއޯގެ ވެބްސައިޓުގައި ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށްވެސް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މަގާމަށް އެދި ހުށައަޅާ ފޯމް ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އެސްޓީއޯގެ ހިންގާ ގަވާއިދު ގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާ ދާރުންގެ ފަރާތުން އެއް ޑިރެކްޓަރަކު އިންތިހާބުކުރެވޭނެއެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނުކުރެވޭނީ ހަ ޑިރެކްޓަރުންނެވެ.
މީގެއިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުންނަކީވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.