ކައުންސިލްތަކުގެ އިހްތިސޯސް ހިމެނޭ މަައްސަލަތަކުގައި ބަންޑާރަނައިބުގެ އޮފީހުން ނޫން ކަމަށާއި، އެފަދަ މައްސަލަތަކުގައި ތަމްސީލުކުރަން ޖެހޭނީ އެ ކައުންސިލަކުން އަމިއްލައަކަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އެ މައްސަލައަކީ އދ. ފެންފުށީގެ ބަންޑާރަ ގޯއްޗަކުން ބައެއް ގާނޫނާ ހިލާފަށް އުނިކޮށްފައިވާ ކަމަށް ބުނެ، އެބައި އިތުރުކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ދައުވާކުރި މައްސަލައެކެވެ. އެ މައްސަލައަށް 30 އަހަރު ވެފައިވާއިރު، ފެންފުށީ ކައުންސިލުން ހައިކޯޓުގައި ވަކާލާތުކުރާނެ ގާބިލްކަން ނެތުމުން، އެ މައްސަލާގައި ބަންޑާރަނައިބުގެ އޮފީހުން ކައުންސިލް ތަމްސީލްކުރަން އެދުނެވެ. ނަމަވެސް ކައުންސިލް ތަމްސީލް ކޮށްދެވޭނެ ކަމަށް އެ އޮފީހުން ގަބޫލެއް ނުކުރެއެވެ.

ހައިކޯޓުން އެ މައްސަލަ ބެލުމަށް ފަހު ކަނޑައަޅާފައިވަނީ ބަންޑާރަބިން ހިމެނޭ މައްސަލަތަކުގައި ކައުންސިލްތަކަށް އަމިއްލައަށް ކޯޓުތަކުގައި ތަމްސީލު ނުކުރެވޭނެ ކަމަށާއި، އެ ފަދަ މައްސަލަތަކުގައި ކައުންސިލްތައް ތަމްސީލްކުރަން ޖެހޭނީ ބަންޑާރަނައިބުގެ އޮފީހުން ކަމަށެވެ.

ނަމަވެސް، އެ ނިންމުމަކީ ލާމަރުކަޒީކޮށް ރާއްޖެ ހިންގުމަށް އޮތް ހުރަހެއް ކަމަށް ދެކޭތީ އާއި، ކައުންސިލްތަކަށް އަމިއްލައަށް ދައުވާކުރުމުގެ ބާރު އޮންނާނެ ކަމަށް ގާނޫނުގައި އޮތްއިރު، ހައިކޯޓުން އެ ގާނޫނު މާނަކޮށްފައި ވަނީ ގޯސްކޮށް ކަމަށް ދެކޭތީ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އެހެންވެ، ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކުރަމުން އައިސް، ވެރިކަމުގެ ބާރުގެ ތެރޭ ހިމެނޭ، ނަމަވެސް ސަރުކާރާ ވަކިން އުފައްދާފައިވާ ޝަހުސުތައް ހިމެނޭކަން ފާހަގަ ކުރައްވާފައެވެ.

އަދި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގައި ވާ ގޮތުން، ކައުންސިލްތަކަކީ ސަރުކާރާ ވަކިން އުފައްދާފައިވާ، ވަކި ބާރުތަކެއް ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ބާރު ލިބިފައިވާ، އަދި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ޝަހުސުތަކެއްގެ ގޮތުގައި އެބައޮތް ކަމަށްވެސް ހުސްނުއްސުއޫދު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން، ކައުންސިލްތަކުގެ އިހްތިސޯސްގައި ހިމެނޭ ކަންކަމުގައި ތަމްސީލްކުރާނީ ކައުންސިލްތަކުން އަމިއްލައަށް، ވަކީލުން ލައިގެން ނުވަތަ ނުލާ ކަމަށް، ސުޕްރީމް ކޯޓުން ކުރި ހުކުމްގައިވެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް، އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ތާއީދު ކުރައްވާފައިވެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން މި ހުކުމް ކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.