ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ދެމުންދާ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ހުޅުމާލޭގައި އިތުރު ފެސިލިޓީއެއް މިއަދު ހުޅުވައިފިއެވެ.

"އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރު" ގެ ނަމުގައި ބްރިޖް ކައިރީގައި ހުޅުވި މި ފެސިލިޓީގައި ކޮވިޑު ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ އިތުރުން، ގައިން ގަޔަށް އަރާ ބަލިތައް ޖެހިފައިވާ މީހުންނަށާއި، ކުއްލި ފަރުވާ ބޭނުންވާ މީހުންނަށްވެސް ފަރުވާ ދޭނެއެވެ.

މި ފެސިލިޓީއަކީ 272 އެނދުގެ ޖާގައިގެ ފެސިލިޓީއެކެވެ. އޭގެ ތެރޭގައި އައިސީޔޫއަށް ހާއްސަ 44 އެނދުވެސް ހިމެނެއެވެ. އެގޮތުން، އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންނަށް 35 އެނދު ހާއްސަކޮށްފައިވާއިރު، އޭގެ ތެރޭގައި އައިސީޔޫގެ ފަސް އެނދުވެސް ހިމެނެއެވެ.

މި ފެސިލިޓީ ހުޅުވުމުން ހުޅުމާލޭގައި ކޮވިޑަށް ފަރުވާ ދޭ ތިން ފެސިލިޓީއެއް މިހާރު ހުންނާނެއެވެ. މި ފެސިލިޓީގެ އިތުރުން ދެން ހުޅުމާލޭގައި ހުންނަނީ ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ފެސިލިޓީ އާއި، ކޮވިޑުގެ ބަލި ޖެހިފައިވާ މީހުންނަށް މިހާރުވެސް ފަރުވާ ދެމުންދާ ފެސިލިޓީއެވެ.

އަލަށް ހުޅުވުނު ފެސިލިޓީއާ އެކު ލުއިތަކެއް ލިބިގެން ދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭން ޖުމްލަ 173،064 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 14،520 މީހުން އަދިވެސް ކޮވިޑުން ރަނގަޅުވެފައެއް ނުވެއެވެ. ފެސިލިޓީތަކުގައި މިހާރު ފަރުވާ ދެނީ އަށް މީހުންނަށެވެ.