މާލިފުއްޓަށް އެމްއެންޑީއެފް ޓްރޭނިން ހަދަން ދިޔަ ގދ. ގައްދޫ، މުހައްމަދު ރާފިލް ރަބީލްގެ ކުއްލި ވަކިވެ ދިއުމަކީ ތައުލީމީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ނެރުނު ތައުޒިޔާ މެސެޖެއްގައި ބުނީ ގދ. އަތޮޅު މަދަރުސާގެ ނަމޫނާ އިސްދަރިވަރު އަދި އެ ސްކޫލުގެ ކެޑޭޓް އިންސްޓްރަކްޓާ ރާފިލް ކުއްލިގޮތަކަށް މަރުވުމާ ގުޅިގެން އޭނާގެ އާއިލާއަށް، މިނިސްޓާ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ އިސްވެރިންނާއި، މިނިސްޓްރީގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ.

ރާފިލް ގދ. އަތޮޅު މަދަރުސާގެ ތާރީހުގައިވެސް ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ މޮޅު ދަރިވަރެއް ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ 2018 ވަނަ އަހަރު ގދ. އަތޮޅު މަދަރުސާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް އޭނާ ހާސިލްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރާފިލާއަކީ ސްކޫލްގެ އިތުރު ހަރަކާތްތަކުގައި އިސްރޯލެއް އަދާކޮށް ދަރިވަރުންނާއި މުދައްރިސުންގެ ލޯބި ހޯދާފައިވާ އަހުލާގު ރަނގަޅު ދަރިވަރެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ ރާފީލްގެ ކުއްލި ވަކިވެ ދިއުމަކީ ގދ. އަތޮޅު މަދަރުސާގެ އިތުރުން މުޅި ތައުލީމީ އާއިލާއަށް ވެސް ލިބުނު ނުހަނު ބޮޑު ހިތާމައެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މާފިލާފުއްޓަށް ޓްރޭނިން ހަދަން ދިޔަ ގދ. ގައްދޫ، ޕްރައިވެޓް ރާފިލް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އަދި އެހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ އިއްޔެއެވެ.