ހއ، ހދ ށ، މި 3 އަތޮޅުގައި އުފެދޭ ކުނި އެ ސަރަހައްދުގައި ގާއިމް ކުރެވޭ ވޭސްޓް މެނޭޖްމަންޓް ޓްރާންސްފާ ސްޓޭޝަނަށް ގެންދިއުމަކީ އަމާޒެއް ކަމުގައި އެންވާރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްޔެ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ ބަޖެޓުވެސް މިދިޔަ ހަފުތާގައި އެޕްރޫވް ކޮށްފައިވާ ކަމަށެވެ. ރާވާފައި ވަނީ މިމިހުގެ ތެރޭގައި މިމަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހއ، ހދ، ށ ވޭސްޓް މެނޭޖްމެންޓް މަޝްރޫއަކީ ދިވެހި ސަރުކާރާއި އޮފިޑް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އުފެދޭ ކުނި ނައްތާލުމަށް މި ސަރުކާރުން އަންނަނީ "ވޭސްޓް އެނާޖީ" މަޝްރޫއެއް ހިންގަމުންނެވެ. އެ މަޝްރޫއުގެ ސަބަބުން 2023 ވަނަ އަހަރު ނިމިގެން ދާއިރު ރާއްޖޭގައި އުފެދޭ ކުނީގެ ގާތްގަނޑަކަށް 60 ޕަސެންޓު މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ޝައުވާ ވަނީ ވިދާޅުވެފައެވެ.

ކުނީގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖޭގެ އެކި ރަށްރަށުން މިހާރުވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކަށް ވިލުންވެރި ކުނި އުފުލާ، ނައްތާލާ ނިޒާމެއް އުފެއްދުމާއި ރަށުފެންވަރުގައި ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމު ކުރުމާއި ތިލަފުށީގެ ޑަމްޕް ސައިޓް ރިމީޑިއޭޓްކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހިއްޓެނިވި ގޮތަކަށް ކުނި މެނެޖްކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.