އދ. ހަންޏާމީދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިއްޖެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހަންޏާމީދޫ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރުމަށްޓަކައި ޖުމްލަ 2900 މީޓަރުގެ ކޭބަލް އެ ރަށުގައި ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތް ބުރާސްފަތި ދުވަހު ނިންމާލަން ހަމަޖެހިފައިވާއިރު މިހާރު ވަނީ މި މަސައްކަތުގެ 95 ޕަސެންޓް ވަނީ ނިމިފައެެވެ. މީގެކުރިން މި މަސައްކަތް މިދިޔަ މަސް ނިމުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ލަސްވި ވަކި ސަބަބެއް ނޭނގެއެވެ.

ހަންޏާމީދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރިއަށް ދާއިރު ސްޓެލްކޯއިން ދަނީ އެހެނިހެން ރަށްރަށުގައިވެސް ހުންނަ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެކުންފުނިން ވަނީ، ފެނާއި ނަރުދަމާ ނިޒާމު އަޅަން ހަވާލުނުކޮށް ހުރި ބައެއް ރަށްރަށުގައި އެ މަސައްކަތްތައް ކުރުމަށް ހަވާލު ވެސް ވެފައެވެ.