އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ދެ ނައިބު ލީޑަރުންގެ ތެރެއިން ދެވަނަ ނައިބު ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހޮވިއްޖެއެވެ.

މި މަގާމަށް ހުސައިންގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވެސް ވަނީ ވާދަކުރައްވާފައެވެ. އަދި މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ބިގޭއަށް 49 ވޯޓު ލިބިވަޑައިގެންނެވި އިރު އިލްޔާސާއި އަނދުންއަށް ލިބިވަޑައިގަތީ 34 ވޯޓެވެ. އެހެންކަމުން އެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

65 މެންބަރުންގެ ޕާލިމެންޓްރީ ގްރޫޕްގެ މިއަދުގެ އިންތިހާބުގައި ދެ މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ބައިވެރިވެވަޑައިގެން 63 މީހުންގެ ތެރެއިން ޑެޕިއުޓީ ލީޑަރުގެ މަގާމު ހުސައިން ދިފާއު ކުރެއްވީ 38 މެންބަރުންގެ ވޯޓުންނެވެ. އަދި މިއަދު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 25 މެންބަރުންގެ ވޯޓެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އަސްލަމް އެ މަގާމު ކާމިޔާބު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއާއި ވާދަކުރައްވައެވެ. އަސްލަމަށް 40 ވޯޓު ލިބިވަޑައިގެންނެވިއިރު، އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

އެ ޕާޓީގެ ޗެއާޕާސަންގެ އިތުރުން، އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމުގެ އިންތިހާބު އަންނަ އޭޕްރިލް 16 ގައި ބާއްވަން ވަނީ ނިންމާފައެވެ.