މާލޭން ޓެކްސީއަކަށް އެރި އަންހެނަކަށް ޓެކްސީ ޑްރައިވަރަކު ގަދަކަމުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، 20 އަހަރުގެ އަންހެން މީހާ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް، ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ދަންވަރު 12:50 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެ އަންހެން މީހާ ގެންގޮސްފައި ވަނީ އޭނާގެ ނުރުހުމުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ ޓެކްސީއަށް އަރާފައި ވަނީ މާލޭގެ ހެންވޭރުގެ ގެއަކުން މާފަންނުގައި ހުންނަ ގެއަކަށް ދިއުމަށެވެ. ނަމަވެސް، މާފަންނަށް ދިއުމުގެ ބަދަލުގައި ޑްރައިވަރު ވަނީ އަންހެން މީހާ ޓެކްސީއަށް އެރުމާއެކު ޓެކްސީގެ ދޮރުތައް ލޮކްކޮށް، ގަދަކަމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗަށް ގެންގޮސްފައެވެ.

އެ މައްސަލާގައި ފުލުހުން ވަނީ 41 އަހަރުގެ ޓެކްސީ ޑްރައިވަރު ހައްޔަރު ކޮށްފައެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.