އެމެރިކާގެ ނިއު ޔޯކްގައި މަސައްކަތް ކުރަމުން ދިޔަ ރަޝިއާގެ ޑިޕްލޮމެޓުންތަކަކާއި އެމީހުންގެ އާއިލާ މެންބަރުން ހިމެނޭހެން 50 މީހަކު، ރަޝިއާގެ ވެރިރަށް މޮސްކޯއަށް ފުރާފައި ވާ ކަމަށް، ރަޝިއާގެ ދައުލަތުގެ މީޑިއާ ރިއާއާ ހަވާލާދީ ސީއެންއެންއިން ރިޕޯޓް ކޮށްފިއެވެ.

ރަޝިއާގެ ޑިޕްލޮމެޓުން އެމެރިކާ ދޫކޮށް ފުރާފައި ވަނީ، އދގެ މަރުކަޒީ އިދާރާގައި މަސައްކަތް ކުރަމުން ދިޔަ ރަޝިއާގެ 12 ޑިޕްލޮމެޓަކު، މާޗް 7 ގެ ކުރިން އެމެރިކާއިން ފޭބުމަށް، އެމެރިކާއިން އދއަށް ކަނޑައަޅާފައިވާ ހުންނަވާ މަންދޫބުގެ ނައިބު ގޮވާލެއްވުމުންނެވެ.

މިދިޔަ ހޯމަ ދުވަހު އޮތް އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމެރިކާގެ މަންދޫބު ރިޗާޑް މިލްސް ވަނީ، ރަޝިއާގެ ޑިޕްލޮމެޓުންނަށް ތުހުމަތުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން އެ ޑިޕްލޮމެޓުން މަސައްކަތް ކުރައްވާފައި ވަނީ އެމީހުންގެ މައްޗަށް އޮތް ޒިންމާތަކާއި ވާޖިބުތަކުގެ ބޭރުން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

އެމެރިކާއިން ބޭރުކޮށްލި ރަޝިއާގެ ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާ، މޮސްކޯއަށް ދަތުރު ކުރަމުން ދަނީ ރަޝިއާ ސަރުކާރުގެ ފްލައިޓެއްގައި ކަމަށް ހަބަރު ލިބެއެވެ. އެމީހުން މޮސްކޯއަށް ފުރާފައި ވަނީ ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.