ކުރީގެ ލޯބިވެރިޔާ އަތުން ހޯދި 82،000 ރުފިޔާ އެއް މަސްތެރޭ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އޭނާ އަތުން ހޯދި 4،300 ޑޮލަރާއި 37،000 ރުފިޔާގެ މައްސަލައެއްގައި ހުކުމްކޮށްފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އޭގެ ތެރެއިން 21،000 ރުފިޔާ ފުލުހުން މެދުވެރިކޮށް އަނބުރާ ލިބުނު ކަމުގައި ވިޔަސް ބާކީ ހުރި ފައިސާ އަންހެން މީހާއަށް ލިބިފައެއް ނުވެއެވެ.

ކޯޓުގައި ފިރިހެން މީހާ ވަނީ ދެ މީހުން އެކުގައި އުޅުނުއިރު އަންހެން މީހާއަށް ވެސް ހަރަދުކުރި ކަމަށާއި އަންހެން މީހާ އަތުން ނެގި ފައިސާ އަކީ އަނބުރާ ދައްކާ ގޮތަށް ނެގި ފައިސާއެއް ނޫން ކަމަށް ބުނެފައެވެ.

އެ ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމުގައި ވިޔަސް އަންހެން މީހާއަކީ ފިރިހެން މީހާއަށް އެއްވެސް ހަރަދެއް ކުރަންޖެހޭ ފަދަ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށާއި އެ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ނުވަތަ ހަދިޔާއެއްގެ ގޮޮތުން ދިން ފައިސާއެއް ކަން ގާނޫނީ ގޮތުން ފިރިހެން މީހާއަށް ސާބިތުކޮށް ނުދެވުނު ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އެއް މަސް ތެރޭގައި 4،300 ޑޮލަރާއި 16،000 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށް ވަނީ ފިރިހެން މީހާގެ މައްޗަށް ހުކުމްކޮށްފައެވެ.