އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ޑީސަލް ވިއްކާ އަގު ބޮޑުކުރަން ނިންމާފައި ވަނީ، ތެލުގެ އަގުތައް ހިފެހެއްޓުމެއް ނެތި އުފުލެމުން ދަނިކޮށް، ރަޝިއާ އާއި ޔޫކްރައިނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވުމުގެ ސަބަބުން، އެސްޓީއޯއިންވެސް ތެލުގެ އަގު ބޮޑުކުރަން ނިންމާފައި ވަނިކޮށެވެ.

އެގޮތުން މިއަދުން ފެށިގެން މަސް ދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކާނީ 14.44ރ އަށް ކަމަށާއި، އާންމު ފަރާތްތަކަށް ލީޓަރެއް ވިއްކާނީ 17.10ރ ގެ މަގުން ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ކުރިން އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ މަސް ދޯނި ފަހަރަށް 12.68ރ އަށް، އަދި އާންމުންނަށް 15ރ އަށެވެ. އެހެންކަމުން، މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާ އަގު މިވަނީ 13 ޕަސެންޓު އުފުލިފައެވެ. އަދި އާންމުންނަށް ލީޓަރެއް ވިއްކާ އަގު މިވަނީ 14 ޕަސެންޓު އުފުލިފައެވެ.

މިއީ އެއްމަސް ދުވަހުގެ ތެރޭގައި މިފްކޯއިން ތެލުގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ.

މިފްކޯއިން ތެލުގެ އަގު ބޮޑުކޮށްފައި ވާއިރު، އެސްޓީއޯއިން ވިއްކަމުންދާ ތެލުގެ އަގުތަށްވެސް ވަނީ އިއްޔެއިން ފެށިގެން ބޮޑުކޮށްފައެވެ. އެގޮތުން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ 14.60ރ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ގެންދާނީ 14.80ރ އަށެވެ