ފެނަކަ އިންސްޓިޓިއުޓުން މެއިންޓަނެންސްގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަކީ އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް، އެ އިންސްޓިޓިއުޓްގެ ޑީން އައިޝަތު ފަސީހާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގާ ފެނަކަ އިންސްޓިޓިއުޓުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީ އާ ގުޅިގެން ހިންގާ ފުނަރު ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ އިންޖީން ރިޕެއާ އެންޑް މެއިންޓަނެންސް ކޯހުގައި ފުރަތަމަ ބެޗުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސީހާ ވިދާޅުވީ، މި ކޯހުގެ ސަބަބުން، ޒުވާނުން މި ދާއިރާއިން ތަމްރީނު ކުރެވި، ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

"މިފަދަ ޓެކްނިކަލް ދާއިރާއެއްގައި ކުއްލި ކުއްލިއަށް ދިމާވާނެ ތަފާތު މައްސަލަތައް ހުންނާނެ. މިގޮތުން މިހާރު މައްސަލަ ޙައްލުކުރަން ނަގާ ވަގުތު ކުޑަވެ އެކަމުގެ ލުއިފަސޭހަ ވަނީ ރައްޔިތުންނަށް ލިބެން ފަށާފައި. އަޅުގަނޑު ދަންނަވާނީ، މީ އަޅުގަނޑުމެންގެ މަސައްކަތަށް އައި، ވަރަށް ފަހި ކުރިއެރުމެކޭ." ފަސީހާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި، ފެނަކަ އިންސްޓިޓިއުޓުން ވަނީ ތިން މަސްދުވަހުގެ މުއްދަތަކަށް ހިންގި އެ ކޯހުގައި ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވާ 23 ދަރިވަރަކަށް ކޯސް ނިންމި ކަމުގެ ސެޓްފިކެޓު ދީފައެވެ. އޭގެ ތެރޭގައި ދެ އަންހެން ދަރިވަރަކު ހިމެނޭއިރު، މިއީ ފެނަކަ އިންސްޓިޓިއުޓުން ހިންގި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

އެ ކޯސް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އަށް ސަރަހައްދަކަށް އަމާޒު ކޮށްގެންނެވެ. އެ އަށް ސަރަހައްދަކީ:

  • ކުޅުދުއްފުށި ސިޓީ
  • ފުވައްމުލަކު ސިޓީ
  • އައްޑޫ ހިތަދޫ
  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ތ. ވިލުފުށި
  • ދ. ކުޑަހުވަދޫ
  • ބ. އޭދަފުށި

އެ ކުންފުނިން ބުނިގޮތުގައި، އެ ކޯހުގައި ބައިވެރިވި މީހުންނަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖަނަރޭޓަރުގެ މެއިންޓަނެންސް މަސައްކަތް ކުރާނެ އަމަލީ ތަޖުރިބާ ލިބިގެން ދިޔަ ކަމަށާއި، ކޯހުގެ ބައިވެރިންނަށް ކޯސް ކުރިއަށް ގެންދިޔަ މުއްދަތުގައި މަހަކު 3،000ރ ގެ އެލަވަންސެއް ލިބޭ ގޮތަށް ކަމަށެވެ.