ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް އުފެއްދިގެން ކަމަށާއި އެކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ތައުލީމީ ދާއިރާއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ފެންވަރު ރަނގަޅު ނާޒިރުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރިންސިޕަލުންގެ ސްކޮލަޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ، މިއަދުގެ ސަރުކާރުން އަދި ހާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ސްކޫލްތަކުގައި ވަސީލަތްތައް ގާއިމް ކުރުމާއެކު އެކީގައި އެ ތަންތަނަށް ބޭނުންވާ ފެންވަރު ރަނގަޅު މުދައްރިސުންނާއި ޕްރިންސިޕަލުންގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ އެހެނިހެން ފަރާތްތައް ތަމްރީނު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ނުލިބި އެތައް ދުވަހެއް ވޭތުވެ ގޮސްފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެށިގެންމިދާ ތަމްރީނުތަކަކީ މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭ ޕްރޮގްރާމަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ޕްރިންސިޕަލުންނަކީ ތައުލީމީ މުއައްސަސާތަކުގައި ގިނަ އަދަދެއްގެ މީހުންނާއެކު ޓީމެއް ލީޑުކޮށްގެން މަސައްކަތް ކުރާ ފަރާތަކަށްވީ ހިނދު، ޕްރިންސިޕަލުންނަކީ އެންމެންގެ އަޑުއަހައި، ހުރިހާ އެންމެނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލު ކަން ހުރި ފަރާތްތަކަކަށް ވާން ޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ވެސް މުޅި ރާއްޖޭގެ އެންމެހާ ސަރަހައްދުތަކަށް ދަތުރުކޮށް އެތަންތަނުގައި ހުރި މައްސަލަތައް ގާތުން ބަލައި ފާހަގަކޮށް، އެކަންކަމަށް ހައްލު ހޯދަދިނުން ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ މިހާރުގެ ދުވެލީގެ ތެރެއިން ސްކޫލްތަކަށް ދިމާވެފައިވާ ގިނަގުނަ ދަތިތައް ހައްލުކޮށް ދެވިގެންދާނެ ކަމަށެވެ. ސްކޫލްތަކުގައި އަދި ހާއްސަކޮށް މުޅި ތައުލީމީ ނިޒާމުގައި ހުރި ދަތިތަކާއެކު ވެސް، ހުއްޓުމެއް ނެތި ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ފެށިގެން ގޮސް ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކޮލަޝިޕް ފުރުސަތުތަކަށް ހޮވިވަޑައިގެންނެވި ނާޒިރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދީފައެވެ.