ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ ގައުމުގެ އަސްކަރިއްޔާ ފުރިހަމަ ބަރާ އެކު އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ޔޫކްރޭނުން އަމިއްލަ ގެދޮރު ދޫކޮށް ދާ މީހުންގެ އަދަދު 10 މިލިއަނަށް ވުރެ މައްޗަށް އެރުން އެކަށީގެން ވާ ކަމަށް އދއިން އަންދާޒާ ކޮށްފިއެވެ.

މީގެ ތެރޭގައި، ބޯޑަރު ހުރަސްކޮށް، އަވަށްޓެރި ގައުމުތަކުތަކަށް ހުރަސް ކުރާނެ ކަމަށް ބެލެވޭ 4 މިލިއަން މީހުން ހިމެނޭ ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒްގެ ތަރުޖަމާނު ސްޓީވަން ޑުޖަރިޗް އާންމު ކުރެއްވި ބަޔާނެއްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ޑުޖަރިޗް ވަނީ ޔޫކްރައިންގައި ބޭނުން ޖެހޭ މީހުންގެ އަދަދު ގަޑިން ގަޑިއަށް އިތުރު ވަމުން އަންނަ ކަމަށެވެ. އަދި ގެދޮރު ގެއްލޭ މީހުންގެ ހާލަތު އެންމެ ފުރިހަމައަށް އަދި ސާފު ނުވާ ކަމަށެވެ. ނަމަވެސް ހަމަލާތައް ކުރިއަށް ދާ ކަމުގައި ވަނީ ނަމަ، ގެދޮރު ދޫކޮށް ދާ މީހުންގެ އަދަދު 10 މިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށް އދއަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޔޫކްރައިންގައި ހަރަކާތްތެރިވާ އދގެ މުވައްޒަފުންގެ ތެރެއިން މުހިންމު ބައެއް މެންބަރުން، ވެރިރަށް ކިއޭވްއިން ބޭރަށް ބަދަލު ކޮށްފައި ވާ ކަމަށާ، އެކަން ކޮށްފައި ވަނީ، ބުރޫ އެރުން ވީހާވެސް ކުޑަކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާ، ނުރައްކާ ކުޑަ ކުރުމަށް ކަމަށްވެސް ޑުޖަރިޗްގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ. ކިއޭވްގައި ބައެއް މުވައްޒަފުން އަދިވެސް ތިބޭނެ ކަމަށް ޑުޖަރިޗް ވަނީ ވިދާޅުވެފައެވެ.

ވިލާތުގެ އިއްތިހާދުން ވަނީ ޔޫކްރައިންގެ ހަނގުރާމައިން ސަލާމަތް ވުމަށް އެ ގައުމު ދޫކޮށް އަންނަ ހުރިހާ ރެފިއުޖީންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ. މިއީ ވިލާތުގެ އިއްތިހާދުގެ މާޒީއަށް ބަލާއިރު ތާރީހީ ނިންމުމެކެވެ.

ރެފިއުޖީންނާ ބެހޭ އދގެ އިދާރާ އިން އެންމެ ފަހުން އާންމު ކޮށްފައި ވާ މައުލޫމާތާ ހަވާލާދީ ސީއެންއެންއިން ރިޕޯޓް ކުރާ ގޮތުގައި، ފެބުރުއަރީ 24، 2022 ވަނަ ދުވަހު ރަޝިއާއިން ޔޫކްރައިންއަށް އެރި ފަހުން، މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ޔޫކްރޭނުން ބޭރުވެފައެވެ.