ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ބުނީ، ދިއްދޫގެ 75 ހައުސިން ޔުނިޓްގެ މަސައްކަތަށް ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 380،000 ރުފިޔާ ހުށައަޅަން ޖެހެއެވެ.

ދިއްދޫގައި މީގެކުރިން ވެސް ސަރުކާރުން ވަނީ 250 ހައުސިން ޔުނިޓް އަޅާފައެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ 7 ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުއެއް އިއުލާންކޮށް، އަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލާފައެވެ.

މިގޮތުން ކުޅުދުއްފުށި ސިޓީގައި 400 ހައުސިން ޔުނިޓް، ލ.ގަމުގައި 100 ރޯހައުސް، ށ.މިލަންދޫގައި 50 ހައުސިން ޔުނިޓް، ގއ.ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަދި ނ.ހޮޅުދޫގައި 30 ހައުސިން ޔުނިޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރަށް ޅ.ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓް އަދި މަނަދޫގައި 40 ހައުސިން ޔުނިޓް އަޅާދޭނެ ބަޔަކު ހޯދުމަށް އިއުލާން ކުރިއެވެ.

އަތޮޅުތަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހަރަދުކުރަން ދައުލަތުގެ މިއަހަރުގެ ބަޖެޓުން ވަނީ ހާއްސަކޮށްފައެވެ.