ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކުރުމަށްފަހު، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަސަން މުޣުނީ އައްޔަނު ކޮށްފިއެވެ.
ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވުމާ ހަމައަށް މުޣުނީ ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. އެ މަގާމުން އޭނާ ވަކިކުރުމަށް ފަހު، އެ މަގާމަށް އިއްޔެ އައްޔަނު ކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ.
މުޣުނީ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވުމުން، އެންވަޔަރަމަންޓް މިނިސްޓްރީގައި މިވަގުތު ހަ ބޭފުޅުން ތިއްބަވާނެއެވެ. ދެން ތިބި ބޭފުޅުންނަކީ:
- އަލީ ސޯލިހު
- މުހައްމަދު ޝަރީފް
- ޑރ. އަބްދުﷲ ނަސީރު
- އަހްމަދު މުޖުތަބާ
- ހަދީޖާ ނަސީމް
ސްޓޭޓް މިނިސްޓަރެއްގެ މުސާރައަކީ 41،000 ރުފިޔާއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް މުޣުނީ އޭރު ހުންނެވިއިރު، އޭނާއަށް އިނާޔަތްތަކާ އެކު މުސާރައިގެ ގޮތުގައި 98،000 ރުފިޔާ ލިބެއެވެ.
މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީން ބެޗެލާ އޮފް ސައިންސް ހާސިލްކުރައްވައި، އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައެވެ.