ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އިންތިޒާމް ކުރާ ޕަބްލިކް ހިއަރިން ބާއްވާ ތާރީހުތަކަށް އަނެއްކާ ބަދަލު ގެނެސްފިއެވެ.

އެ އޮފީހުން ބުނީ މި އަޑުއެހުންތަކަކީ ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ އެއޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ އަޑުއެހުން ތަކެއް ކަމަަށެވެ.

މިގޮތުން، މި މައްސަލަތަކުގެ އަޑުއެހުންތައް މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 އިން 22 ވަނަ ދުވަހު ތިނަދޫގަ އާއި މާޗު މަހުގެ 27 ވަނަ ދުވަހު މާލޭ ސިޓީގައި ކަމަށް ވެސް އެއޮފީހުން ބުނެއެވެ.

މީގެ ކުރިން ތިނަދޫގައި މި އަޑުއެހުންތައް ބާއްވަން ނިންމީ މި މަހުގެ 3 - 5 އަށެވެ. އަދި އޭގެ ފަހުން މި މަހުގެ 18 އާއި 19 ގައި މާލޭގައެވެ.

ތިނަދޫން މީހުން ބޭލީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ގައެވެ.

މީގެ ދެ އަހަރު ކުރިން އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެންބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ.