ފެނަކަ ކޯޕަރޭޝަނުން ކ. ހުރާގެ ފެނާއި ނަރުދަމާ، އަދި ކަރަންޓުގެ ހިދުމަތްތަކާ ހަވާލުވެއްޖެއެވެ.

އެ ކަމަށްޓަކައި ހުރާގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ.

އެ ރަސްމިއްޔާތުގައި އެ ކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. އަދި ހުރާ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ރައީސް އީސާ އަހުމަދެވެ.

ފެނަކައިން ބުނީ ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ހުރާގައި ފުރިހަމަ އިންޖީނުގެއެއްގެ އިތުރުން، އޮފީސް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއަށް 27 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ހުރާގައި ނަރުދަމާ ނިޒާމް ތަރައްގީކުރުމަށް 10 މިލިއަން ރުފިޔާގެ މަޝްރޫއެއް ރާވާފައިވާކަމަށާއި، މި އަހަރު އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ. އަދި ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭ ފެނުގެ ނިޒާމެއް ތަރައްގީކޮށް، ކައިރި ރަށްރަށަށް ގެންދެވޭނެ ވަރުގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތައް ނިމޭނެ ކަމަށްވެސް ފެނަކައިން ބުންޏެވެ. އެ މަޝްރޫއަށް 21 މިލިއަން ރުފިޔާ ހަރަދުވެއެވެ.

ހަމަ އެއާއެކު، އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ދެ މެގަވަޓުގެ ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ފެނަކައިން ވަނީ، ހުރާއިން އެ ކުންފުންޏާ އަލަށް ގުޅުނު މުވައްޒަފުންނަށް، ވަޒީފާ ލިބުނު ކަމުގެ ލިއުން ހަވާލުކޮށްފައެވެ.