ޔޫކްރައިންގެ ވެރިރަށް ކިއޭވްގެ ވަކި ތަންތަނަކަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ރަޝިއާއިން ދީފައި ވަނިކޮށް، ޔޫކްރައިންގެ މައި ޓީވީ ޓަވަރު ގޮއްވާލާ، 5 މީހުން މަރާލައިފިއެވެ.

ކިއޭވްގައި ހުންނަ މައި ޓީވީ ޓަވަރަށް ހަމަލާ ދީފައި ވަނީ ރަޝިއާގެ ފައުޖުތަކުން ކަމަށް ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވެއެވެ. މި ހަމަލާގައި 5 މީހަކު ޒަހަމްވެސް ވި ކަމަށް މައުލޫމާޓު ލިބެއެވެ. ހަމަލާ އަމާޒުވި ޓަވަރު ހުންނަނީ އާންމުން ދިރިއުޅޭ އެޕާޓްމަންޓްތަކުން ފެށިގެން ހިނގާލާފައި ދެވޭހާ ކައިރީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވީ ޓީވީ ކޮންޓްރޯލް ރޫމެއްގެ އިތުރުން ހަކަތަ ފޯރުކޮށްދޭ ސަބްސްޓޭޝަނަކަށްވެސް ހަމަލާ އަމާޒުވި ކަމަށާ، ކުޑަ ވަގުތު ކޮޅަކަށް ބްރޯޑްކާސްޓް ހުއްޓުނު ކަމަށެވެ.

ޔޫކްރައިންގެ ތުހުމަތުތަކަށް ރަޝިއާއިން އަދި ރައްދެއް ނުދެއެވެ. ނަމަވެސް ހަމަލާގެ ކުރިން ރަޝިއާއިން ވަނީ ކިއޭވްގައި ޔޫކްރޭނުން ހިންގާ ޖާސޫސީ ހިދުމަތްތަކާ ގުޅުން ހުރި އުމްރާނީ ބިނާވެއްޓަށް ހަމަލާ ދޭނެ ކަމަށް އިންޒާރު ކޮށްފައެވެ. އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން، އެ ސަރަހައްދު ދޫކޮށް ދިއުމަށްވެސް ރަޝިއާއިން އިންޒާރު ކުރި ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ކިއޭވް ވަށާލާފައި ވާ ކަމަށް ހަބަރު ލިބޭއިރު، ރަޝިއާގެ އަސްކަރީ ގާފިލާ، 40 މޭލަށް ދެމިގެން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

އދއިން ވަނީ ޔޫކްރައިންގެ އެކި ކަންކޮޅުތަކުން 12 މިލިއަނެއްހާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހިފައިވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި، އަވަށްޓެރި ގައުމުތަކުން އެހީ ބޭނުންވާ ޔޫކްރައިން ރެފިއުޖީންގެ އަދަދު 4 މިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށްވެސް އދއިން ވަނީ އަންދާޒާ ކޮށްފައެވެ.