ގދ. ކާޑެއްދޫގައި އޮންނަ އެއާޕޯޓު ހިންގުން އަލުން ވިލާ އާ ހަވާލުކޮށްފިއެވެ.
ކާޑެއްދޫ އެއާޕޯޓުގެ ހިންގުން އަލުން ވިލާއާ ހަވާލުކުރި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން އެންމެ ފުރަތަމަ ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގައެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން އޭރު ފެށީ ޖެނުއަރީ 1، 2014 ގައެވެ.
ކާޑެއްދޫ ހިންގުން ވިލާއަށް 50 އަހަރަށް ހަވާލުކޮށްފައިވާ އެއްބަސްވުން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓު ހިންގި ކަމަށްބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރު ވަނީ ބާތިލް ކޮށްފައެވެ. އެ ނިންމުން ވިލާއިން ކޯޓު މަރުހަލާގައި ކާމިޔާބު ކުރި ހުކުމް އިއްވަމުން މިދިޔަ މޭ މަހު ސުޕްރީމް ކޯޓުން ބުނީ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށެވެ. އަދި ވިލާއަށް ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން ބުނެފައި ވަނީ ވިލާއާ އެއާޕޯޓް ހަވާލު ނުކުރެވި އޮތީ ވިލާއަށް ދޭން ޖެހޭ ބަދަލުގެ ކަންކަން ނުނިމިގެން ކަމަށެވެ.
މިހާރު އެއާޕޯޓު ހަވާލު ކުރީ ބަދަލުގެ ގޮތުގައި ކޯއްޗެއް ދީގެން ކަމެއް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަ ކޮށްފައި ނުވާއިރު، ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ކުރިން ވިދާޅުވެފައި ވަނީ ކާޑެއްދޫ އެއާޕޯޓާ އެ ކުންފުނިން ހަވާލުވާނީ އިތުރު ރަށެއް ދިނުމުން ކަމަށެވެ. އަދި އެކުންފުނިން ބޭނުންވާ ރަށްތަކެއް ފާހަގަ ކޮށްގެންވެސް ގެންގުޅުނެވެ.
ވިލާ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލިފަހުން މިއަދާ ހަމައަށް އެ އެއާޕޯޓް ހިންގާފައި ވަނީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. ރީޖަނަލް އެއާޕޯޓުން އެތަން ހިންގި ނަމަވެސް މަރާމާތާއި އާބާތުރަ ފިލުވުން ފަދަ ކަންކަން ނުކޮށް ހުރުމުން އެއާޕޯޓުގެ ވަސީލަތްތައް ހުރީ ބާވެފައި ކަމަށް މައުލޫމާތު ލިބެއެވެ. ދާދި ފަހުން އެ އެއާޕޯޓަށް އަރާ ފައިވާ ޖެޓީ ވެއްޓިގެން އެ މައްސަލަވެސް އޮތީ ފެންމަތިވެފައެވެ.