މުޅި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ހުއްޓިފައި ވާ ޔޫކްރައިންގެ މަސްރަހުގައި ހަނގުރާމަ ކުރަމުން އަންނަ ރަޝިއާއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ދެމެދު އޮތީ "މުޑުދާރު އެއްބަސްވުމެއް" ކަމަށް ޑިޕްލޮމެޓުން ތުހުމަތު ކުރައްވައިފިއެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރާ ކުރަމުންދާ ހަނގުރާމަ ކުށްވެރި ކޮށް، އދގެ ސަލާމަތީ މަޖިލީހުން އެކުލަވާލި 2 ގަރާރަކަށް ވޯޓު ދިނުމުން ޔޫއޭއީ އިސްތިސްނާ ހޯދާފައި ވާ އިރު، ޔޫއޭއީއިން އެކަން ކޮށްފައި ވަނީ ޔަމަނުގައި ހިންގަމުންދާ ހަނގުރާމާގައި ބޭނުން ކުރާ ހަތިޔާރާ ގުޅުން ހުރި ކަމެއްގައި ރަޝިއާ ސަރުކާރުގެ ތާއީދު ބޭނުން ވެގެން ކަމަށް ޑިޕްލޮމެޓުން ތުހުމަތު ކުރައްވާ ކަމަށް، އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ޑިޕްލޮމެޓަކު ރޮއިޓާޒްއަށް ވިދާޅުވި ވިދާޅުވުމަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ރަޝިއާގެ ތާއީދު ހޯދުމަށް، ރަޝިއާއާއެކު ޔޫއޭއީއިން އެއްބަސްވުމަކަށް އައިސްފައި ވާ ކަމަށެވެ.

މީގެ އިތުރުން، ޔޫއޭއީގެ އަމަލާ މެދު އިންތިހާއަށް ރުޅިގަދަވާ ކަމަށް އޭއެފްޕީއާ ވާހަކަދެއްކެވި ޑިޕްލޮމެޓަކު ވިދާޅުވި ކަމަށާ، ރަޝިއާއާއި ޔޫއޭއީއާ ދެމެދު އޮތީ މުޑުދާރު އެއްބަސްވުމެއް ކަމަށް ޑިޕްލޮމެޓަކު ވިދާޅުވި ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ވޯޓުލުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އޮތް ކަމަށް ދެކެވޭ ވަހާކަތަކަށް، ޔޫއޭއީއާއި ރަޝިއާއިން ވަނީ އިންކާރު ކޮށްފައެވެ.