މިދިޔަ ހުކުރު ދުވަހު ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަށް ފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭ އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އެމަނިކުފާނަށް ހެޔޮ ދުއާ ކުރެއްވި ހުރިހާ ފަރާތްތަކަކަށްވެސް ރައީސް ޝުކުރު ދަންނަވާފައިވެއެވެ.

ތައިރޮއިޑަށް ފަރުވާ ހޯއްދެއްވުމަށް ރައީސް ސިންގަޕޫރަށް ފުރާ ވަޑައިގެންފައިވަނީ މިދިޔަ މަހުގެ 23 ގައެވެ. އެކަން ހާމަ ކުރައްވައި އެ ދުވަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާއަކަށް، ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ކަމަށާއި، ފަރުވާގެ ކަންތައް ފުރިހަމަވެ ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގެންނެވޭނެ ކަމަށެވެ.