އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދގެ މަރުކަޒީ އިދާރާގެ ރަޝިއާ މިޝަންގައި މަސައްކަތް ކުރައްވާ 12 ޑިޕްލޮމެޓަކު ގައުމުން ބޭރު ކުރުމަށް ރާވާފައި ވާ ކަން އެމެރިކާއިން ހާމަކޮށްފިއެވެ.

ރަޝިއާގެ އދގެ މިޝަންގައި މަސައްކަތް ކުރައްވާ 12 ޑިޕްލޮމެޓަކު ބޭރު ކުރުމަށް އެމެރިކާއިން ރާވާފައި ވަނީ، އެ ޑިޕްލޮމެޓުންނަކީ ފާރަލުމުގެ ހަރަކާތްތަކެއްގައި ޝާމިލުވާ ބައެއް ކަމުގެ ތުހުމަތު އަމާޒު ކުރުމަށް ފަހުގައެވެ.

އދގެ އެމެރިކާ މިޝަންއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރަޝިއާގެ ޖާސޫސުން ބޭރު ކުރަނީ، އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރިމަތި ކުރަނިވި ގޮތަކަށް، ފާރަލުމުގެ ހަރަކާތްތައް ހިންގާފައި ވާތީ ކަމަށެވެ.

ރަޝިއާގެ ޑިޕްލޮމެޓުން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޔޫއެން ހެޑްކުއާޓާޒް އެގްރީމަންޓްގެ ދަށުން ކަމަށް އެމެރިކާއިން ބުނެއެވެ. އަދި މި ފިޔަވަޅަކީ، މީގެ މަސްތަކެއް ކުރީއްސުރެ ފެށިގެން އަޅަން މަސައްކަތް ކުރަމުން އަންނަ ފިޔަވަޅެއް ކަމަށްވެސް އެމެރިކާގެ ބަޔާނުގައިވެއެވެ.

އދގެ މަރުކަޒީ އިދާރާގައި ގާއިމުވެ ތިބެގެން މަސައްކަތް ކުރައްވަމުން ގެންދަވާ ޑިޕްލޮމެޓުންތަކެއް ބޭރުކުރުމުގެ މަސައްކަތް، އެމެރިކާއިން ކުރަމުން މިދަނީ، ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރަޝިއާ އެކަހެރި ވެފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިއާގެ އދގެ މަންދޫބު ވެސިލީ ނެބެންޒިއާ ވިދާޅުވީ، މާޗް 7 ގެ ކުރިން، ރަޝިއާގެ ޑިޕްލޮމެޓުން ބޭރު ވާން ޖެހޭ ކަމަށް އަންގާފައި ވާ ކަމަށެވެ.

ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރަޝިއާގެ މަންދޫބު ވަނީ އެމެރިކާގެ ނިންމުމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމެރިކާގެ އަމަލަކީ، ދެކޮޅުވެރިކަމުގެ އަމަލެއް ކަމަށް އޭނާ ވަނީ ސިފަ ކުރައްވާފައެވެ.