މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް، ޔޫކްރައިންއާއި ރަޝިއާގެ މަންދޫބުންނާ ދެމެދު، އަވަށްޓެރި ބެލަރޫސްގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް، އެއްބަސްވުމަކާ ނުލާ ނިންމާލައިފިއެވެ.

ބެލަރޫސްއާއި ޔޫކްރައިން ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި އިއްޔެ މެންދުރު ފަހު ފެށި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ އިރުވެސް، ރަޝިއާގެ އަސްކަރިއްޔާއިން އުދުވާންތައް ހުއްޓާލާފައި ނުވާ ކަމަށް ހަބަރު ލިބެއެވެ. އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާފައި ވަނީ ޔޫކްރައިންގެ 2 ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށް ވާ ހަރްކީވްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަރިސް މަސްދަރަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ސުލްހައިގެ މަޝްވަރާތައް، ގާތްގަނޑަކަށް 5 ގަޑިއިރަށް ކުރިއަށް ދިޔައެވެ.

ރަޝިއާއާއި ޔޫކްރައިންގެ ސުލްހައިގެ މަޝްވަރާތަކުގެ ފުރަތަމަ ބުރުގެ ތެރެއިން / ފޮޓޯ: ލައިވްމިންޓް

ރަޝިއާ ވަފުދުގެ އިސް މަންދޫބެއްގެ ގޮތުގައި ހުންނެވި ވްލެޑްމީރް މެޑިންސްކީ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެއްގަލަކަށް އެރިދާނެ ބައެއް ނުކުތާތައް، ދެ ގައުމަށްވެސް ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އަދި ސުލްހައިގެ މަޝްވަރާތަކުގެ އިތުރު ބުރެއް ކުރިއަށް ގެންދިއުމަށްވެސް ދެ ފަރާތުން އެއްބަސް ވެފައި ވާ ކަމަށްވެސް މެޑިންސްކީ ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީގެ އިސް މުޝީރު، މައިކާލޯ ޕޮޑޮލްޔަކް، މާ ބޮޑު ތަފްސީލުތަކެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް މަޝްވަރާތައް އަމާޒު ކުރެވުނީ ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ކަމަށާ، ކައިރި މުސްތަގުބަލެއްގައި 2 ވަނަ ބުރުގެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ބުރުގެ މަޝްވަރާތައް ކުރިއަށް ދާނީ ޕޯލަންޑްއާއި ބެލަރޫސް ހިއްސާ ކުރާ ސަރަހައްދުގައި ކަމަށް މެޑިންސްކީ ވަނީ ހާމަ ކުރައްވާފައެވެ.