ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މާލޭ ސިޓީގެ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އުމުރުން 29 އަހަރުގެ އާމިނަތު އީމާން ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ކަނޑައިލައި ވެންޓިލޭޓަރުން ނަގަން ނިންމައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ރޭ އީމާން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައި ވާއިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީމާންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑައިލައި ވެންޓިލޭޓަރުން ނަގަން މިހާރު ވަނީ ނިންމާފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވީ އޭނާގެ ހާލު އަދި ވެސް ސީރިއަސް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އީމާން ދުއްވާފައި ދިޔަ މަގުގައި، ކުލަމަޑުކަމުން ބައްޕަރެއް އޮތްކަން އޭނާއަށް ނޭނގުމުން ދިޔަ ބާރުމިނުގައި ބަމްޕަރުމަތިން ގޮސް ކައްސާލައިގެން ވެއްޓުމުންނެވެ.

އީމާން، ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތް އިރު ބޮލާ ދިމާލުން މަގުމައްޗަށް ލޭ ފައިބައިފާ ހުއްޓެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ކުރެދިމާ ހިނގުމުން ހަވީރު 4:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.