ގައިދީންގެ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަބާގެ ހައްލަށް އެޅޭ އުސް ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިގައި ހުކުމްކޮށްފައި ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފެއްޓުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ، އިއްޔެއަކީ ގާނޫން ނަމްބަރު 17/2011 ގެ ދަށުން ޖަލުގައި ބަންދުކުރެވޭ މަސްތުވާތަކެތީގެ ފަރުވާ ދޭންޖެހޭ މީހުންނަށް ލާޒިމްކޮށްފައިވާ ކުރުން ފުރަތަމަ ފަހަރަށް ފަށައިގެން ދުވަސްކަމުގައެވެ.
މި މަސައްކަތް މިހާ ހިސާބަށް އައި ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށާއި މި ޕްރޮގްރާމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަބާގެ ހައްލަށް އެޅޭ އުސް ފިޔަވަޅެއްކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.
އިމްރާން ވިދާޅުވީ މި ޕްރޮގްރާމްގެ ސީދާ އަދި ނުސީދާ ހެޔޮ އަސަރު ކޮންމެ އާއިލާއަކަށްހެން ކުރާނެ ކަމަށެވެ.
އަދި ޖަލުގައި ކަސްތަޅު އެޅުވި ބިކަވެ މާޔޫސްވެފައިވާ، އާއިލާއާއެކު އުފާވެރި ހަޔާތެއް ލިބިދާނެކަން ތަސައްވަރުނުކުރާ އެތައް ޒުވާނަކަށް މި ޕްރޮގްރާމްގެ ސަބަބުން، އެ ޒުވާނުންގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
މި ޕްރޮގްރާމްއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މި ފަށަނީ މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާއެކު ކަމަށް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ބުނީ މި ޕްރޮގްރާމް އެކުލެވިގެންވަނީ 4 މަރުހަލާއަށް ކަމަށެވެ. މިގޮތުން ފުރަތަމަ މަރުހަލާއަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޑީޓޮކްސިފިކޭޝަން މަރުހަލާއެވެ. ދެވަނަ ވަނަ މަރުހަލާއަކީ ރީހެބިލިޓޭޝަން މަރުހަލާއެވެ.
މި މަރުޙަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަންލް އަދި ސްކިލް ޓްރެއިނިންތައް ފޯރުކޮށްދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނޭ ކަމަށް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ބުނީ ތިން ވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖްތަމައަށް ނެރުމުގެ ކުރިން މުޖްތަމައަށް ނެރުމުގައި ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމައުން ލިބެންހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތަކާއެކު ޕެރޯލްގެ ދަށުން މުޖުތަމައަށް ނެރުމަށް މަސައްކަތްކުރެވިގެންދާނެ ކަމަށެވެ. އަދި ހަތަރު ވަނަ މަރުޙަލާއަކީ އަފްޓާ ކެއާ ސާވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމައަށް ނެރޭ ފަރާތްތައް މޮނިޓާ ކުރާ މަރުހާލާއެއް ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.