ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މާލޭ ސިޓީގެ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އާމިނަތު އީމާންގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އީމާން ދުއްވާފައި ދިޔަ މަގުގައި، ކުލަމަޑުކަމުން ބަމްޕަރެއް އޮތްކަން އޭނާއަށް ނޭނގުމުން ދިޔަ ބާރުމިނުގައި ބަމްޕަރުމަތިން ގޮސް ކައްސާލައިގެން ވެއްޓުމުންނެވެ.

އެޑީކޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން ދާއިރު "ދަ ޕަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އަދިވެސް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައެވެ.

އީމާންގެ ބޮލުގެ އެއްފަޅީގެ ނާށިގަނޑު ފަޅައިގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

އީމާން، ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތް އިރު ބޮލާ ދިމާލުން މަގުމައްޗަށް ލޭ ފައިބައިފާ ހުއްޓެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ކުރެދިމާ ހިނގުމުން ހަވީރު 4:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލެ އާއި ބްރިޖް މަތީގައި މި ފަހަކަށް އައިސް ގިނަ އެކްސިޑެންޓުތަކެއް ހިނގަމުން އަންނައިރު އެކްސިޑެންޓުތަކުގައި ގިނަ ބަޔަކަށް އަންނަނީ އެކިވަރުގެ އަނިޔާތައްވެސް ލިބެމުންނެވެ.