ހަނގުރާމަ ގަދަވެފައިވާ ޔޫކްރައިންއާއި ރަޝިއާއާ ދެމެދު ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތައް މިއަދު ހެނދުނަށް ތާވަލު ކޮށްފިއެވެ.

ޔޫކްރައިންއަށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަން، އެ ގައުމުގެ ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު އެވްޖެނީ ޔެނީން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީގެ އޮފީހުން ހަބަރު ދޭ ގޮތުގައި، ޒެލެންސްކީ ވަނީ، ބެލަރޫސްގެ ރައީސް އެލެކްޒޭންޑާ ލުކަޝެންކޯއާ ފޯނުން ގުޅުއްވާ، މަޝްވަރާތަކެއް ކުރައްވާފައެވެ. އެ މަޝްވަރާތައް ކުރިއަސް ދިޔައީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.

ސުލްހައިގެ މަޝްވަރާ ކުރިއަށް ގެންދިއުމަށް އެއްބަސްވެވިފައި ވަނީ، ޔޫކްރައިންއާއި ބެލަރޫސް ބޯޑަރު ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ސުލްހައިގެ މަޝްވަރާތަކަށް ޔޫކްރޭނުން އެއްބަސްވީ، އެއްވެސް ކަމެއް ޝަރުތު ކޮށްގެން ނުވާނެ ކަމަށް ލާޒިމު ކުރުމަށް ފަހު ގައި ކަމަށްވެސް ހަބަރު ލިބެއެވެ.

މަޝްވަރާގެ ވަގުތުގެ އިތުރުން ޔޫކްރައިންގެ ވަފުދުން ދަތުރުކުރާ ވަގުތުތަކުގައި، ބެލަރޫސް ސަރަހައްދުގައި ވައިގެ މަގުން ހަމަލާ ދެވެން ހުރި ހުރިހާ އާލާތެއް ގްރައުންޑް ކުރާނެ ކަމުގެ ޔަގީންކަން، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަރިސް ބޭފުޅަކު ކަށަވަރު ކޮށްދެއްވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މަޝްވަރާތައް ކުރިއަށް ދާނެ ސީދާ ގަޑިއެއް އަދި ސާފެއް ނުވެއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، ފުރިހަމަ ބާރާއެކު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އެރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.