ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން ހަންގޭރީ އަށް ގެންގޮސްފައިވާ 15 ދިވެހި ދަރިވަރުން ރާއްޖެ އަންނަން ފުރައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޔޫކްރޭންގެ ބޯޑަރު ހުރަސްކޮށް ހަންގޭރީ އަށް ގޮސްފައިވާ 15 ދިވެހި ދަރިވަރުން ރާއްޖެ އަންނަން މިހާރު ފުރާފައިވާ ކަމަށެވެ. މިއީ ޔޫކްރެއިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި ދިވެހި ދަރިވަރުންނެވެ.

މިކަމާ ގުޅިގެން އެ ދަރިވަރުން ވަނީ އެންބެސިޑަރަށާއި ރައީސް ސޯލިހާއި ފޮރިން މިނިސްޓަރަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ދިވެހި ސަރުކާރަށް ސުކުރުއަދާކޮށްފައެެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޔުކްރޭންގައި 12 ދިވެހިން އަދިވެސް އެބަތިބި ކަމަށާއި އެ މީހުން ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެތެރެއިން އަށް ދިވެހިން ތިބީ ޔުކްރޭންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހަރްކީވްގަ އެވެ. މި ސިޓީ ހިފުމަށް ރަޝިއާ އިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.