ރާއްޖޭގެ ކޮންމެ ރަށަކީވެސް މުއްސަނދި ތާރީހެއް އޮތް ރަށެއް ކަމަށާއި، ދިވެހިންގެ ދިގު ތާރީހަކީ ދިވެހިންގެ ފަހުރެއް ކަމަށްވާއިރު، ރަށް ރަށާ ގުޅޭ ތާރީހީ ލިޔެކިއުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ މުހިންމުކަމެއް ކަމަށް، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ދިވެހި ތާރީހުގެ ދުވަސް ފާހަގަކުރާއިރު، މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ދިވެހި ތާރީހާއި ފަތުރުވެރިކަން" އެވެ. ދުވަހާ ގުޅޭގޮތުން މުހާތަބު ކުރައްވައި ދެއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ފެށުމުގެ ރަންޔޫބީލް މި އަހަރު ފާޙަގަ ކުރާއިރު، މި ޝިއާރަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މުނާސަބާ އާއި ގުޅޭ ޝިއާރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެ އަކީ މުއްސަނދި ތާރީހެއް އޮތް ގައުމަކަށް ވުމާއެކު، ދިވެހި ކާބަފައިންގެ ކިބައިން ވާރުތަވެގެން އައިސްފައިވާ އާދަކާދަތަކާއި، މަސައްކަތްތެރިކަން މިހާރުވެސް ފެންނަން އެބަހުއްޓެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރުން މުހިންމުވާ ސަބަބުތަކަށް އަލި އަޅުވާލައްވާފައިވެއެވެ.

"މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމަކީ ދުވަސްވީ ލިޔުންތަކާއި، ތަންތަނާއި އިސް ރަށްވެހިންގެ ވާހަކަތަކުން ތާރީހީ މަޢުލޫމާތު ދިރާސާކޮށް، ދިވެހީންގެ ހަޟާރަތާއި، ކާބަފައިންގެ މަސައްކަތްތެރިކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ދަސްކޮށް އެކަމުން އިބުރަތް ހާސިލުކުރުން. އަދި ހަމަ މިއާ އެކު ދިވެހިންގެ ތާރީހާއި ސަގާފަތުގެ މުހިންމުކަން އަދުގެ ޖީލުތަކަށް ހާމަކޮށްދިނުން."
ޔުމްނާ މައުމޫން | ހެރިޓޭޖް މިނިސްޓަރު

ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން ގޮސްފައިވަނީ ރަށްފުށު ދިރިއުޅުމާ ދުރުން ކަމަށްވީ ނަމަވެސް، ގެސްޓްހައުސް ފަތުރުވެރިކަމާ އެކު އެކަން ބަދަލުވެ، ރަށްރަށަށް ފަތުރުވެރިން ޒިޔާރަތްކުރާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ވަރަށް ފަހަކާ ޖެހެންދެންވެސް ދިވެހިންގެ ތާރީހާއި ސަގާފަތް ފަތުރުވެރިންގެ ތަޖުރިބާގެ ބައެއްގެ ގޮތުގައި ނުހިމެނޭ ކަމަށެވެ. އެކަމަކު، އަލަށް ފެށި ބައެއް ހަރަކާތްތަކުގެ ސަބަބުން މިކަން ބަދަލުވާން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ތާރީހު އޮޅުން ފިލުވައި، ރާއްޖޭގައި ހުރި އާސާރީ ތަންތަން ބަލައި، ދިވެހީންގެ ސަގާފަތް ތަޖުރިބާ ކުރުމަށް އަދައި ފަތުރުވެރިން ރާއްޖެ އަންނާން ފެށުމަކީ މިއަދު މި ދެކޭ ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ ހުވަފެނުގައި ކުލަޖެހި، ރައްޔިތުންނަށް އޭގެން އިގްތިސޯދީ އެތައް ފައިދާއެއް ކުރާނެ ކަމެއް."
ޔުމްނާ މައުމޫން | ހެރިޓޭޖް މިނިސްޓަރު

އެ މަސައްކަތްތަކުގެ ނަތީޖާގެ ގޮތުން، އެތައް ގޮތަކުން އަކަށް ވެގެންދާނީ މިހާތަނަށް އޭގެ ނަފާ ހޯދިފައިނެތް އެތައް ގޮތަކުން ފަތުރުވެރިކަމުގެ ނަފާ ދިވެހިންނަށް ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެކަން އެގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ފަރުދީ ގޮތުންނާއި ރަށްރަށުން، އަދި ގައުމީ ރޮނގުންވެސް ކުރަންޖެހޭ ތަފާތު މަސައްކަތްތަކެއް އެބަ ހުރި ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ، ފަސޭހައިން ބޭނުންކުރެވޭ ޕްލެޓްފޯމްތަކުގައި ދިވެހި ތާރީހާ ބެހޭ މައުލޫމާތު ރައްކާ ކުރުމަށް ރަށްރަށުގެ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް ގޮވާލައްވާފައެވެ.

"އެގޮތުން އަތޮޅާއި ރަށްރަށާ ގުޅޭ ކުރީގެ ލިޔެކިޔުންތައް އަރުޝީފު ކުރުމާއި، އިސް ރަށްވެހިންގެ ފުށުން ރަށުގެ ތާރީހާއި، ޒަމާންވީ ފޯކުލޯރު އޮޅުންފިލުވައި ރައްކާކުރުމަކީ ކުރުން މުހިއްމު ކަމެއް."
ޔުމްނާ މައުމޫން | ހެރިޓޭޖް މިނިސްޓަރު

އަދި މި މައުލޫމާތުތަކަކީ ސަގާފީ ފަތުރުވެރިކަމުގެ އާރުކާޓީންގެ ގޮތުގައި ތިބޭނެ ލޯކަލް ގައިޑުން ތަމްރީނު ކުރުމަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިންގެ ތާރީހަކީ ދިވެހިންގެ ފަހުރެއް ކަމަށާއި، ދިވެހިންގެ އަމިއްލަ ޝަހުސިއްޔަތު ދެމެހެއްޓޭނީ ތާރީހު އުގަންނައިދީ ރައްޔިތުން ތާރީހަށް ހޭލުންތެރިކޮށްގެން ކަމަށާއި، އެގޮތުން ސަގާފީ ފަތުރުވެރިކަމުގެ ސަބަބުން ޒުވާނުން ދިވެހިންގެ ތާރީހަށް ދޭ އަހައްމިއްޔަތުކަން އިތުރުވެ، ސަގާފީ ފަންނުތަކާއި ހަރަކާތްތައް ޒުވާން ޖީލުތަކަށް ދަސްކޮށްދީ، އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

ނަމަވެސް މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރެއިން ތާރީހާ ގުޅޭ ސައްހަ މަޢުލޫމާތު ފޯރުކޮށްދެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ތާރީހުގެ ބައިތައް ހިމެނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.