ރާއްޖެ ތަރައްގީގެ ހަލުވި ސްޕީޑްގައި އަންނައިރު، ސްޓެލްކޯ ދެން ވާންވީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ހިދުމަތްދޭ ކުންފުންޏަކަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ޕަވާހައުސް މެނޭޖާޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022 އިފްތިތާހުކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ހިދުމަތް ދިނުމުގެ ގާބިލްކަމާއި ހުނަރާއި އަދި ޓެކްނިކަލީ ގޮތުން އެކަން ކުރުމަށް ބޭނުންވާ ކަންކަން ކުރުމުގެ ގާބިލްކަންވެސް ސްޓެލްކޯގައި އެބަހުރި ކަމަށެވެ. އަދި ސަރުކާރުން އަހަރެއްގެ މައްޗަށް ތެޔޮ އިމްޕޯޓް ކުރުމަށް ގާތްގަނޑަކަށް 400 މިލިޔަން ޑޮލަރު ހޭދަކުރާ ކަމަށާއި ދުނިޔޭގެ ހާލަތު މި ދިޔަ ހަފްތާއެއްގެ ތެރޭގައި މި އަންނަނީ ބަދަލުވަމުން ކަމަށާއި، މި ބަދަލާއި އެކީ ތެލުގެ އަގުވެސް މި އަންނަނީ އުފުލެމުން ކަމަށް ވެސް ޝައުނާގެ ވާހަކައިގާ ވަނީ ވިދާޅުވެފައެވެ.

ޝައުނާ ވިދާޅުވީ ގާތްގަނޑަކަށް ދުވާލަކު 12 ގަނޑިއިރު އިރުގެ އަލި ދިވެހިރާއްޖެއަށް އެބަލިބޭ ކަމަށާއި އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި އަގު މި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުން ކަމަށެވެ. އަދި އެ ޓެކްނޮލޮޖީ މި ވަނީ އުފެއްދި އެއާއި ހަމައަށް ވާސިލްވެފައި ކަމަށެވެ. އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކޮންމެ ކަމެއްވެސް ހާސިލް ވާނީ އެކަމެއް ކުރަން ފެށުމުން ކަމަށާއި، ބޭނުންވާ މިންވަރު ހާސިލްވެވޭނީ އޭރުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ "ނެޓް ޒީރޯ" ޓާގެޓް 2030 ވަނަ އަހަރު ހާސިލްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި މި ޓާގެޓް ހާސިލްކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށް ރަށްރަށުގައި ކުރަންޖެހޭ ކަންތައް ކުރުމަށް ސަރުކާރުން އިންވެސްޓްވެސް ކޮށްދޭން ތައްޔާރަށް އޮތްކަން މިނިސްޓަރު ވާހަކައިގާ ފާހަގަކުރެއްވިއެވެ.