ސްޓެލްކޯއިން "ޕަވާ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" އިފްތިތާހުކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮގުރާމަކީ އެކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، މެނޭޖަރުންނަށް ބާއްވާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގުރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމަކީ މިކުންފުނިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަކަށް ބާއްވާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ސަބަބުން މެނޭޖަރުންގެ ލީޑާޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން ބާރު އެޅިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.