ރާއްޖޭގެ ސިއްހީ ތަފާސްހިސާބުތައް ދެނެގަތުމަށްޓަކައި އެކުލަވާލި"މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020" އާންމުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ފޮތް އާއްމުކޮށްދެއްވީ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތްފީ ކަމަށެވެ.

މި ފޮތް ޝާއިރު ކުރުމުގެ މައިގަނޑު މަގުސަދަކީ ސިއްހަތާއި ސިއްހީ ނިޒާމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުކާއި ތަފާސްހިސާބު އެއް ފޮތަކުން ފަސޭހަކަމާއިއެކު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ފޮތުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ވިހާ، މަރުވާ މީހުންގެ މައުލޫމާތާއި، ތަފާތު ބަލިތަކުގެ މައުލޫމާތުގެ އިތުރުން، ރާއްޖޭގެ ސިއްޙީ ނިޒާމާއި އާންމު ސިއްޙަތާއި ބެހޭ މުހިންމު ތަފާސްހިސާބުތައް ހިމެނޭ ކަމަށެވެ. އަދި ކޮވިޑް-19ގެ ތަފާސްހިސާބުތައް ހިމެނޭ ޗެޕްޓާއެއް ފޮތުގައި ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ފޮތުގައި އެކުލެވޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 40 ޕަސަންޓް ޑޮކްޓަރުންނަކީ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. އަދި ނަރުހުންގެ ތެރެއިން 59 ޕަސަންޓް ނަރުހުންނަކީ ދިވެހިންނެވެ. 2020 ވަނަ އަހަރު 50 ޕަސަންޓަށްވުރެ ގިނަ އަންހެނުން ވިހާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ.

މީގެ އިތުރުން އެޑްމިޓްކުރެވިގެން ފަރުވާދެވިފައިވާ 35 ޕަސަންޓު މީހުންނަކީ ގައިންގަޔަށް ނާރާބަލި ތަކުގައި ފަރުވާ ހޯދާފައިވާ މީހުންނެވެ. އަދި 2020 ވަނަ އަހަރު މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރައްޖެއިން 13000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ހޯދުންތަކުގެ އަލީގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ސިއްހީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްހީ ކަންކަން ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވެސް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.