ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު ޔޫކްރައިންއަށް އަރާ ހިންގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން، ޔޫކްރައިން ދޫކޮށް އެގައުމުން ފައިބަން ޖެހުނު މީހުންގެ އަދަދު 150000 އަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް ރެފިއުޖީންނާ ބެހޭ އދގެ ހައި ކޮމިޝަނަރު ފިލީޕޯ ގްރާންޑީ ވިދާޅުވެއްޖެއެވެ.

އދގެ ހައިކޮމިޝަނަރު ވިދާޅުވީ ރެފިއުޖީންގެ ގޮތުގައި 150000 އަށް ވުރެ ގިނަ މީހުން އެތެރެ ވެފައި ވަނީ ޔޫކްރައިންގެ އަވަށްޓެރި ގައުމުތަކަށް ކަމަށެވެ. އޭގެ ތެރެއިން ދެބައިކުޅަ 1 ބައި މީހުން ދަތުރު ކުރީ ޕޯލަންޑަށް ކަމަށާ، ދެން ތިބި ގިނަ ބަޔަކު ހަންގޭރީ، މޮލޮޑޯވާ އަދި ރޮމޭނިއާއަށް ދަތުރު ކޮށްފައި ވާ ކަމަށްވެސް އދގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގައި ގެދޮރު ގެއްލެމުންދާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށާ، ނަމަވެސް އަސްކަރީ މަސްރަހު އޮތް ގޮތުން، ހަގީގީ އަދަދުތަކެއް އަންދާޒާ ކުރުމަށާ، އެހީ ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައި ވާ ކަމަށް އދގެ ހައި ކޮމިޝަނަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ވިލާތުގެ އިރުމަތީ ސަރަހައްދުގައި އޮތް ގައުމުތަކުން ވަނީ ޔޫކްރައިންގެ ރެފިއުޖީންނަށް އެ ގައުމުގެ ބޯޑަރުތައް ހުޅުވާލާފައި ވާ ކަން ހާމަކޮށްފައެވެ. ނަމަވެސް މި ގައުމުތަކަކީ މީގެ ކުރިން، އަފްގާނިސްތާނާއި ސޫރިޔާ ފަދަ ގައުމުތަކުގެ ރެފިއުޖީންނަށް ބޯޑަރު ބަންދު ކުރި ގައުމުތަކެކެވެ.

އިންސާނީ އެހީ ދޭ ޖަމިއްޔާތަކުންވެސް ވަނީ ގައުމުތަކުގެ ބޯޑަރުތައް، ޔޫކްރައިންގެ ރެފިއުޖީންނަށް ހުޅުވާފައި ބޭއްވުމަށް ގޮވާލާފައެވެ.