ކުރީގެ ރައީސް އަބްދުﷲ ޔާމިން އިސްވެ ހުންނަވާ ގާސިމް އިބްރާހިމަަށް ފާޑު ކިޔުއްވަނީ ރައްޔިތުންގެ މެދުގައި ގާސިމަށް އޮތް ތާއީދު ފެނިގެން ކަމަށް އެޕާޓީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ ގއ. ވިލިނގިލީގައި އިދިކޮޅުން ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް އަބްދުﷲ ޔާމީން، ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފއިވާ ދަނޑިވަޅެއްގައެވެ.

މިގޮތުން ޔާމިން ވަނީ ޕީޕީއެމްއިން ގާސިމަށް ދޭނެ ފުރުސަތެއް ނެތް ކަމަށާއި 2023 އަށް ޕީޕީއެމުން ކެންޑިޑޭޓަކު ދައްކާނެ ކަމަށް ވިދާޅުވެފައެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ޖޭޕީން ބުނީ ޔާމީންގެ ވެރިކަން 2018 ވަނަ އަހަރު ބަދަލުވެގެން ދިޔައީ ގާސިމްގެ އެއްބާރުލުމާއެކު ކަމަށެވެ. އަދި ޔާމީނަށް 2013ވަނަ އަހަރު ވެރިކަން ލިބުނީ ވެސް ގާސިމްގެ އެއްބާރުލުމާއެކު ކަމަށް ޖޭޕީން ބުންޏެވެ.

މީގެ އިތުރުން ރައީސް ޔާމީން އިސްވެ ހުންނަވާ ގާސިމް އިބްރާހިމަށް ފާޑުވިދާޅުވާން ފެއްޓެވީ އެމަނިކުފާނަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ފެނިވަޑައިގަތުމުން ކަމަށާއި އެކަމާއި ހައިރާން ނުވާ ކަމަށް ޖޭޕީން ބުނެއެވެ.

ޖޭޕީން އިތުރަށް ބުނީ ވެރިކަން ހޯދަން ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރަނީ އެހެން ޕާޓީތަކުން ކަމަށެވެ. އެހެން ކަމުން ޕީޕީއެމްގެ ޓިކެޓްގައި ގާސިމް ރިޔާސީ ރޭހަށް ނިކުމެވަޑައިނުގަންނަވާނެ ކަމަށް ޖޭޕީން ވަނީ ބުނެފައެވެ.