ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް ޔޫކްރައިންއަށް އަރާ، ރަޝިއާގެ އަސްކަރިއްޔާއިން ފެށި ހަނގުރާމާ، 4 ވަނަ ދުވަހަކަށް ދިގުލާ ގޮސްފައި ވާއިރު، ޔޫކްރައިންގެ އާންމު ރައްޔިތުންގެ ތެރެއިން 64 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަން ކަށަވަރު ކުރެވިފައި ވާ ކަމަށް އދއިން ހާމަ ކޮށްފިއެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމާގައި އެކި ގޮތުން ގޮތުން ފުރާނައަށް ގެއްލުންވި އާންމު ރައްޔިތުންގެ އަދަދު 240 އަށް އަރާ ކަމަށް އދއިން ބުނެއެވެ. މީގެ ތެރޭގައި، ފުރާނަ ގެއްލިދިޔަ 64 މީހުން ހިމެނެއެވެ. ކަން މިހެން އޮތް އިރު އދއިން ވަނީ، ހަގީގީ އަދަދުތައް މިއަށް ވުރެ އިތުރު ވުން އެކަށީގެން ވާ ކަމަށް ބުނެފައެވެ.

އާންމު ރައްޔިތުންގެ އުމްރާނީ ބިނާވެއްޓަށް ދީފައި ވާ ގެއްލުންތަކުގެ ސަބަބުން އެތައް ސަތޭކަ ހާސް ބަޔަކު، ކަރަންޓާއި ފެނުގެ ހިދުމަތުން މަހްރޫމު ވެފައި ވާ ކަމަށްވެސް ޔޫއެން އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ބުނެއެވެ.

މަދަނީ އުމްރާނީ ބިނާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފެނާއި ކަރަންޓު ފަދަ ޒަރޫރީ ހިދުމަތްތަކުން އެންމެ ބޮޑަށް މަހްރޫމު ވެފައި ވަނީ ޔޫކްރައިންގެ އުތުރާއި، އިރުމަތީ އަދި ދެކުނުގެ ހިސާބުތައް ކަމަށް އޯޗާއިން ކުރަހާލި ޗާޓު ބުނެއެވެ.

ޔޫކްރެއިންގެ މަސްރަހުގައި ހިންގަމުންދާ ހަމަލާ ބަދަލު ކުރުންތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، ޑިޕްލޮމަސީ އިސްކޮށް، މަޝްވަރާއަށް ހިޔާރު ކުރުމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ގޮވާލައްވާފައެވެ.